ފާއިތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ލީގަލް ސެކްޝަނުން ކުރެވިފައިވާ މަސައްކަތްތަކާއި، މި މަސައްކަތްތަކުން ލިބިފައިވާ ކާމިޔާބީއާއި އަދި މުސްތަޤުބަލުގައި މަސައްކަތްތައް ރޭވިފައިވާ ގޮތާ ގުޅޭ.

ހަފްތާ 14ގެ މަގުޗާޓުގައިވާ ކަންކަން ހާސިލްކުރެވުމަށް ކުރެވިފައިވާ މަސައްކަތްތައް ހިމެނޭހެން މި ވުޒާރާގެ ލީގަލް ސެކްޝަނުން ކޮށްފައިވާ މަސައްކަތްތަކަށް ބަލައިލާއިރު، އަންހެން މުވައްޒަފުންނަށް ރައްކާތެރި، ޤަދަރުވެރި އަދި ހަމަހަމަ މަސައްކަތުގެ މާޙައުލެއް ކަށަވަރުކޮށްދިނުމަށް ޓަކައި ޤާނޫނީ އޮނިގަނޑަށް އިޞްލާޙު ހުށަހެޅުމުގެ ގޮތުން ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) އަށް ގެންނަންޖެހޭ އިޞްލާޙުތައް ބަންޑާރަނައިބުގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

މިގޮތުން އެއްވެސް ފަރާތަކާމެދު ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގައިފިނަމަ، އެ އިދާރާއެއްގައި އުފައްދާފައިވާ ކޮމިޓީއަށް ހުށަހަޅަން ބޭނުންނުވާ ފަރާތްތަކަށް އެ ފަރާތްތަކުން ވަޒީފާ އަދާކުރާ ތަނުގެ ބަދަލުގައި އެހެން އިދާރާއަކަށް މައްސަލަ ހުށަހެޅޭނެ ގޮތެއްގެ މަތިން ޤާނޫނު ބަދަލުކުރަން ވަނީ އިސްލާހު ހުށަހަޅާފައެވެ.

އަންހެން މުވައްޒަފުންނަށް ރައްކާތެރި، ޤަދަރުވެރި އަދި ހަމަހަމަ މަސައްކަތުގެ މާޙައުލެއް ކަށަވަރުކޮށްދިނުމަށް ޓަކައި ޤާނޫނީ އޮނިގަނޑަށް އިޞްލާޙު ހުށަހެޅުމުގެ ގޮތުން ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އިކުއަލިޓީގެ ޤާނޫނު) އިޞްލާޙުކޮށް ޤާނޫނުގައި ބަޔާންކުރާ ޝަކުވާ ހުށަހެޅުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކުގެ މައްޗަށް މަޝްވަރާކުރެވިފައެވެ.

މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް “ކޮންމެ ކުއްޖަކަށް ޢާއިލާއެއް” ޕްރޮގްރާމު އެކުލަވާލައި، ގަވާއިދު ނަންބަރު 2024/R-17 (ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދު) ވަނީ ގެޒެޓްކުރެވިފައެވެ. މި ގަވާއިދުގައި ފޮސްޓަރކުރުމަށް އެދޭ ފަރާތްތަކަށް ފަސޭހައިން ފޮސްޓަރ ކުރެވޭނޭ ގޮތްތައް ކަނޑައަޅާ، ފޮސްޓަރިން ނިޒާމުގެ ތެރެއިން ވަގުތީ ގޮތުން ކުދިން ފޮސްޓަރ ކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މުޖުތަމަޢުއަށާއި ދައުލަތުގެ މުއައްސަސާތަކަށް މަޢުލޫމާތު ސެޝަންތައް ވަނީ ކުރިއަށް ގެންދެވިފައެވެ. ކޮންމެ ކުއްޖަކަށް ޢާއިލާއެއް މި ޕްރޮގްރާމްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް ޢާއިލީ ލޯތްބާއި އަޅާލުން އަދި ޢާއިލީ ވެއްޓެއްގައި ބޮޑުވުމުގެ ފުރުޞަތު ލިބިގެން ދިޔުމުގެ އިތުރުން އެކުދިންނަށް އަބުރުވެރި ދިރިއުޅުމެއް ލިބިގެންދާނެއެވެ. އަދި މި ގަވާއިދުގެ ދަށުން ދާއިމީ ގޮތުންނާއި ވަގުތީ ގޮތުން ކުދިން ފޮސްޓަރކުރުމުގެ ނިޒާމާއި މިންގަނޑުތައް ވަނީ ކަނޑައެޅިފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުޞަތުތަކާއި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތުތައް ލިބިދިނުމުގެ ޙައްޤު ލިއްބައިދުމަށްޓަކައި، އެކަމަށް މަގުފަހިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި ޙައްޤު ލިބޭކަން ކަށަވަރުކުރުމަށް އުޞޫލުތައް ކަނޑައެޅުމުގެ ގޮތުން، ކޮމްޕެޓިޓިވް އަދި ނަން ކޮމްޕެޓިޓިވް ޕާތުވޭގެ ދަށުން ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ފަހިވެގެންދާނެ ގޮތުގެމަތިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމާގުޅޭ ގަވާއިދު އެކުލަވާލާ ވަނީ ގެޒެޓްކުރެވިފައެވެ.

މީގެ އިތުރުން، ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ދައުލަތުގެ އިދާރާތަކާ މަތިކޮށްފައިވާ މަސްޢޫލިއްޔަތުތައް މޮނިޓަރކޮށް، ރެގިއުލޭޓް ކުރުމުގެ ޒިންމާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަށް މަތިކޮށް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން ޖަވާބުދާރީވާގޮތަށް ކަނޑައެޅުމަށް ޤާނޫނު އިޞްލާޙު ކުރުމަށް ސޯޝަލް ކައުންސިލަށް ކަރުދާސް ވަނީ ހުށަހެޅިފައެވެ.

ޤާނޫނީ ގޮތުން މިވުޒާރާއަށް މަތިކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމަގޮތުގައި އަދާކޮށް، ޚިދުމަތް ފޯރުކޮށްދިނުމުގައި އަންހެނުންނާއި، ކުޑަކުދިންނާއި، އިސްރަށްވެހިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަދި ޖުމްލަކޮށް މުޅި މުޖުތަމަޢުގެ ހެވާއި ލާބަ އިސްކޮށް، އޯގާތެރިކަމާއެކު ގާތުން ޚިދުމަތް ފޯރުކޮށްދިނުމަކީ މި ވުޒާރާގެ އެންމެ މުހިންމު އެއް އަމާޒެވެ.

30 މެއި 2024

22 ޛުލްގައިދާ 1445