މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން 2016 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙާއްސަ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި ބޭއްވުނު މި ހަރަކާތްތަކުގައި ސްރިލާންކާގެ ޕެރަ-ސްވިމިން ޗެމްޕިއަނުންނާއި ދިވެހިރާއްޖޭގެ ޤައުމީ ޓީމްގެ ފެތުންތެރިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، ސްވިމިންގ އިންސްޓްރަކްޓަރުންގެ އެހީތެރިކަމާއެކު ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އާއިލާތަކަށްވެސް ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، ކޮންމެ ދުވަހަކުވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ބައެއްކަމަށާއި، އެފަރާތްތައް ބާރުވެރިކުރުވައި، މުޖްތަމަޢުގައި ބައިވެރިވުން އިތުރުކޮށް، އާއިލާތަކާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި، މިކަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް މިނިސްޓަރ ޒެނީޝާ ގޮވާލެއްވިއެވެ. އަދި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ހައްޤުތައް ކުރިއެރުވުމާއި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް މިނިސްޓަރ ޝުކުރުދެންނެވިއެވެ.
މީގެ އިތުރުން، މިއަދުގެ ހަރަކާތްތައް ބޭއްވުމަށް އެހީތެރިވެދެއްވި ޕާޓްނަރުން އަދި ސްޕޮންސަރުން ކަމަށްވާ ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ އެމްބަސީ، މެގަ މޯލްޑިވްސް އެއާލައިންސް، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ލައިފް ގާޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ސްޓެލްކޯ، އެމް. ޑަބްލިއު. އެސް. ސީ، ޕީ. އެސް. އެމް.، ނިއު ލެގޫންސް، ސީ ސްޕޯޓްސް، ޕްރިންޓް ލެބް، ނެކްސްޓް އިނޮވޭޝަން އަދި ޕަރސަނަލް ކޮމްޕއުޓަރސްއަށް މިނިސްޓަރ ޒެނީޝާ ވަރަށް ޙާއްސަ ޝުކުރެއް ދެންނެވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހަކީ 1992 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހެކެވެ. މި އަހަރުގެ ޝިޔާރަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން: “އެޗީވިންގ 17 އެސް.ޑީ.ޖީ. ގޯލްސް ފޮރ ދަ ފިއުޗަރ ވީ ވޯންޓް – ގްރޭޓަރ އިންކްލޫޝަން ފޮރ ޕަރސަންސް ވިތް ޑިސްއެބިލިޓީސް”.
03 ޑިސެމްބަރ 2016