މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން 2017 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ އިޖްތިމާއީ ރައްކާތެރިކަމުގެ މަސައްކަތްތައް މަދަނީ ޖަމިއްޔާތަކާއެކު ގުޅިގެން ކުރިއަށް ގެންދިއުމަށްޓަކައި ތިން ފަރާތަކާއެކު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިން (އެމް.އޯ.ޔޫ) ގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ.
މިއަދު މެންދުރު މިނިސްޓްރީގައި ބޭއްވި މި ހަފްލާގައި، އެމް.އޯ.ޔޫ. ތަކުގައި ސޮއިކޮށްފައިވާ މަދަނީ ޖަމިއްޔާތަކަކީ، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ރިޓަޔަރީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް)އެވެ. މި ޖަމިއްޔާތަކާއެކު ސޮއިކޮށްފައިވާ އެމް.އޯ.ޔޫ. ތަކުގައި އަންނަނިވި ދާއިރާތަކުން ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވެއެވެ.
- ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުޑަކުދިންނަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓް އިންޓަރވެންޝަން ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުން – ޝީ
- ކުޑަކުދިންގެ ޙައްގުތަށް ރައްކާތެރިކޮށް ކުރިއެރުވުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް މަސައްކަތްކޮށް، މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން – އާކް
- އުމުރުން ދުވަސްމީ މީހުންގެ ޙައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން – ރޭމް
އިޖްތިމާއީ ރައްކާތެރިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީގެ ޕާރޓްނަރުނއގެ ގޮތުގައި މި ޖަމިއްޔާތަކުން މަސައްކަތްކުރެއްވުމަށް އެއްބާރުލުން ދެއްވާފައިވާތީ އެކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. އަދި ކުރިމަގުގައި އަމިއްލަ ޖަމިއްޔާތަކާއި، ކުންފުނިތަކާއި މި ނޫންވެސް ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރާނެ ދާއިރާތައް އިތުރަށް ފުޅާ ކުރުމަށް މިނިސްޓްރީއިން މަސައްކަތް ކުރަން ވަނީ ހަމަޖެހިފައެވެ.
14 ޑިސެންބަރު 2016