ވަޒީފާގެ މައިދާނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކޮންރެޑް މޯލްޑިވްސްގައި ދެ މީހަކު މަސައްކަތް ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަރންޝިޕް އަދި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުން ހިމެނެއެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އެ ފަރާތްތަކަށް ބޭނުންވާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމުތަކާއި، ވަޒީފާގެ ފުރުޞަތުތަކާއި އިންޓަރންޝިޕް ޕްރޮގުރާމުތައް ހިންގުމަށް މި އަހަރުގެ މާރިޗު މަހުގައި ވަނީ ތިން ރިސޯޓަކާއެކު ފަހުމުނާމާއެއްގައި ސޮއިކުރެވިފައެވެ.

ކޮންރެޑް މޯލްޑިވްސްގެ ރަންގަލި އައިލެންޑް ރިސޯޓުގެ އިތުރުން ވަލްޑޯފް އެސްޓޯރިއާމޯލްޑިވްސް އިތާފުށި، އަދި ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާއާއެކު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް މިވަގުތު ބޭނުންވާ ތަފާތު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެއްބަސްވެފައެވެ.

މި ޕްރޮގްރާމްގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ މައިދާނުގައި ބޭނުންވާ ތަޖުރިބާ ލިބި، ފަތުރުވެރިކަމުގެ ދާއިރާގައި އެފަރާތްތަކަށްލިބޭ ފުރުޞަތުތައް އިތުރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލްކުރެވިގެންދާ ސިނާއަތަކަށްވެގެންދާނެއެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ އެއް ފަރާތެއް އިންޓަރްޝިޕަށް އައްޔަނުކުރެވި، އެއް ފަރާތެއް ސީޒަނަލް މުވައްޒަފެއްގެ ގޮތުގައި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައި މަސައްކަތް ފަށައިފައިވާކަން ފާހަގަކުރެވެއެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޙާޞިލުވެގެންދިޔަ މުހިން މުކުރިއެރުމެއްގެ ގޮތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

10 ޖުލައި 2024

04 މުޙައްރަމް 1446