ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ޔުނިސެފްގެ މަންދޫބު ޑރ. އެޑްވަރޑް އައްޑައި އާއި ބައްދަލުކުރައްވައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ދިވެހިރާއްޖެއަށް އައްޔަނުކުރައްވާފައި ހުންނަވާ ޔުނިސެފްގެ މަންދޫބު ޑރ. އެޑްވަރޑް އައްޑައި އަދި ޔުނިސެފްގެ ޓީމާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔުނިސެފް ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކާއި މިހާރު ކުރިއަށް ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ޔުނިސެފްގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމްތަކުގެ ތެރެއިން، ޑޭޓާބޭސް އަދި ކޭސް މެނޭޖްމަންޓް ސިސްޓަމްގެ އިތުރުން، އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) އާ ގުޅޭ މަޝްވަރާތައްވަނީ ކުރިއަށްގެންގޮސްފައެވެ.

އަދި މި ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއެކު، ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޔުނިސެފާއި ގުޅިގެން ކުރިއަށް ގެންދާ އެކި ޕްރޮގްރާމުތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ދެފަރާތުގެ ބައިވެރުން އޮތުން މުހިންމުކަމާއި ގުޅޭގޮތުން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ އަލިއަޅުވާލައްވާފައެވެ.

އަދި ހަމައެހެންމެ، ދެ އިދާރާ ގުޅިގެން ކުރެވޭ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ދޭންޖެހޭ އެހީތެރިކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފުރިހަމައަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރ ވަނީ ޔުނިސެފްއަށް ދެއްވާފައެވެ.