ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިން ގެ ދަށުން ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގެ މަގްސަދަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިން ގެ ތެރެއިން ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާާއާ ބެހޭގޮތުން އާންމުން ހޭލުންތެރިކޮށް މި ފަދަ މައުލޫމާތު ފިލްމުގެ ޒަރިއްޔާއިން ދައްކައިދިނުމެވެ.
މި މުބާރާތަކީ އާންމުނަށް ހުޅުވާލައިގެން 16 ދުވަހުގެ ކެމްޕެއިންގެ މަގްސަދަށް ބިނާކޮށް ގެވެށި އަނިޔާއާއި ގުޅޭ 5 ޝިއާރެއްގެ ދަށުން ކުރު ފިލްމް ތައްޔާރުކުރުމަށް ބާއްވާ މުބާރާތެކެވެ.
މި އަހަރު ގެ 16 ދުވަހުގެ ކެމްޕެއިންގެ ޝިއާރުގެ ގޮތުގައި ހަމަޖައްސާފައިވަނީ “އޮރެންޖް ދަ ވަރލްޑް:އެންޑް ވަޔަލަންސް އެގެއިންސްޓް ވިމެން ނައު”
މުބާރާތުގައި ބައިވެރިވުމަށް 30 ފަރާތެއް ހޮވިގެންދާނެއެވެ.އަދި ހޮވޭ 30 ފަރާތްތަކަށް ފަސް ޝިއާރުގެ ގެ ތެރެއިން އެއް ޝިއާރަށް ފިލްމު ހެދުމުގެ ފުރުސަތު ދެވޭނެއެވެ. ފިލުމްތަކުގެ ދިގު މިނަކީ 15 މިނެޓާއި 30 މިނެޓާއި ދޭތެރެއެވެ. މުބާރާތުގެ ބައިވެރިން ތައްޔާރުކުރުމަށްޓަކައި އެ ފަރާތްތަކަށް އަމާޒުކޮށްގެން 2 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
އެންމެ މޮޅު ފިލްމަކަށް 10،000 ރުފިޔާ ހުށަހަޅާފައިވާއިރު ދެވަނަ އަށް ހޮވޭ ފިލްމަކަށް 7،500 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ފިލްމަކަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި އެވެ.މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 02 ޑިސެމްބަރު 2021 ގެ 15:00 ގެ ކުރިން މި ލިންކް މެދުވެރިކޮށް http://forms.office.com/r/5hwaAPw5kq ރަޖިސްޓްރީ ކުރަން ވާނެއެވެ.
ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ކެމްޕެއިންނަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނިސްބަތުން އަންހެނުންނަށް ގިނައިން ލިބި، އިންސާނީ ހައްޤުތަކަށް އަރައިގަތުމުގެ މައްސަލައެއް ކަމުގައި ދެނެގަނެ އެކަން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން 1991 ވަނަ އަހަރު އުފައްދާފައިވާ ކެމްޕެއިނެކެވެ.
24 ރަބީޢުލްއާޙިރު 1443
29 ނޮވެންބަރު 2021