އުމުރުން ދުވަސްވުމުގައި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މަޝްވަރާތައް ކުރިޔަށްދިޔަ ސައުތު އީސްޓް އޭޝިއާގެ ސަރަހައްދީ ބައްދަލުވުމުގައި މި ވުޒާރާއިން ބައިވެރިވެއްޖެ

އިންޑިޔާގެ ނިޔުދިއްލީގައި އުމުރުން ދުވަސްވުމުގައި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މަޝްވަރާތައް ކުރިޔަށްދިޔަ ސައުތު އީސްޓް އޭޝިއާގެ ސަރަހައްދީ ބައްދަލުވުމުގައި މި ވުޒާރާއިން ވަނީ ބައިވެރިވެފައެވެ. މި ވުޒާރާގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވީ އެލްޑާލީ ރައިޓްސް އެންޑް ވެލްބިއިންގް ސެކްޝަނުގެ ފަރާތުން ވަޒީރުގެ ނާއިބު އާމިނަތު އިސްމާއިލެވެ. އެފަރާތުގެ އިތުރުރން މި ބައްދަލުވުމުގައި ޞިއްޙީ ވުޒާރާގެ މަންދޫބުންވެސް ބައިވެރިވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވި ޞިއްޙީ ވުޒާރާއާއި މި ވުޒާރާގެ ޓީމުން ވަނީ އުމުރުން ދުވަސްވީ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ރާއްޖޭގައި އެކުލަވާލެވިފައިވާ އެކި ސިޔާސަތުތަކާއި އިސްރަށްވެހިންނަށް ފޯރުކޮށްދެވޭ ތަފާތު ޚިދުމަތްތަކާއި ގުޅޭ ގޮތުން ހުށަހެޅުމެއް ހުށައަޅާފައެވެ.

މި މަހުގެ 12 އިން 13 އަށް ދުނީގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ބައްދަލުވުމުގައި އިސްރަށްވެހިންނަށް ޚާއްސަ ސިޔާސަތުތައް އެކުލަވާލުމުގައި މުޙިންމުކަންދޭންޖެހޭނެ ކަންކަމާއި، އެފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމުގައި އަދި އެފަރާތްތަކަށް ޚާއްސަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި، މި ކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި މި ބައްދަލުވުމުގައި ބައިވެރިވި 10 ޤައުމުގެ މި ދާއިރާގެ ތަޖުރިބާތައް ވަނީ ހިއްސާކޮށްފައެވެ. މި ބައްދަލުވުމުން ހާސިލްކުރުވޭ އެންމެ މުޙިންމު ކަމަކަށް ވާނީ އިސްރަށްވެހިންގެ ދުޅަހޮޔޮކަމާއި ބެހޭ ސަރަހައްދީ އޮނިގަނޑެއް އެކުލަވާލުމެވެ.

އިސްރަށްވެހިންނަކީ މުޖުތަމަޢުގައި އުފާވެރި، ދުޅަހެޔޮ، އަބުރުވެރި، ރައްކަތެރި އަދި މުޖުތަމަޢުގެ ކޮންމެ ކަމެއްގައި އެ ފަރަތްތަކުގެ ބައިވެރިވުން އޮތް ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށް އަދުގެ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދެއްވައެވެ. އަދި މިކަމުގައި ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސްއްވުރު ހަޤީގަތަކަށް ހެދުމަށްޓަކައި މި ވުޒާރާއިން މި އަންނަނީ މުޙިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

13 ޖޫން 2024

07 ޛުލްޙިއްޖާ 1445