އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތައް މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއާއި ހިއްސާކޮށްފި

އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއާއި ހިއްސާކޮށްފި އެވެ.

މި މައުލޫމާތުތައް ހިއްސާކޮށްފައި ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ 5 ވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު ޑރ އައިޝަތު ޝިހާމް އަދި ވުޒާރާގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިޖުތިމާއީ ކޮމެޓީގެ މި ބައްދަލުވުމުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ ދައުލަތުގެ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގަޔާއި، ވުޒާރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ވަނީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ވުޒާރާއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް، އެ އިދާރާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

03 ޖުލައި 2024

27 ޛުލްޙިއްޖާ 1445