އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ މަސައްކަތްތައް މަޖިލީހުގެ އެޗްއާރު ކޮމެޓީއާއި ހިއްސާކޮށްފި

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމެޓީ (އެޗްއާރު ކޮމެޓީ) އާއި ހިއްސާކޮށްފިއެވެ.

މި މައުލޫމާތުތައް ހިއްސާކޮށްފައިވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ 4 ވަނަ ބައްދަލުވުގައެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ އައިޝަތު ޝިހާމް އަދި ކަމާގުޅުހުންހުރި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުން ތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ޙިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރަމުން ގެންދާ މުހިންމު މަސައްކަތްތަކެވެ.

އޭގެ އިތުރުން އެއްވެސް ފަރުދަކު ބާކީ ނުވާނެހެން އޯގާތެރި މުޖުތަމައެއް ބިނާކުރުމާއެކު، މުޅުތިމައުގެ އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ ތަފާތު މަސައްކަތްތަކީ ވެސް އެ ވުޒާރާއިން ޚާއްސަ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތްތަކެއްކަން ފާހަގަކޮށްލެވެއެވެ.

އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، މިނިސްޓްރީގެ މަސައްކަތްތަކާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާނެ ޤާނޫނުތަކާއި ގުޅޭގޮތުން އަދި މަޖިލީހުގެ ދައުރާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިގެން ގޮސްފައެވެ.