އިސްރަށްވެހިން ސިފައިންގެ މަނަވަރަކަށް.

މާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތެއްގެ ގޮތުގައި އިސްރަށްވެހިން އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑް ޝިޕް ހުރަވީއަށް ޒިޔާރަތްކޮށްފިއެވެ.

މިޒިޔާރަތުގައި 32 ފަރާތަކުން ބައިވެރިވެފައިވެއެވެ. މިއީ އެފަރާތްތަކަށް މުޅިން އައު މާޙައުލެއްގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ލިބުނު ފުރުޞަތެކެވެ.

އެމް.އެން.ޑީ.އެފްގެ މާލެ އޭރިއާ ކޮމާންޑާއި އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑް ޝިޕް ހުރަވީއާ ގުޅިގެން ކުރިއަށް ގެންދެވުނު މިހަރަކާތަކީ މީގެކުރިން އިސްރަށްވެހިންނާއެކު ކުރިއަށްގެންދެވިފައިވާ ހަރަކާތްތަކާ ވަރަށް ތަފާތު ހަރަކާތެކެވެ. މިޒިޔާރަތުގައި އިސްރަށްވެހިންނަށް ކޯސްޓްގާޑުގެ ތާރީޚާއި ކޯސްޓްގާޑް ޝިޕް ހުރަވީއާގުޅޭ މުހިންމު މަޢުލޫމާތުތަކެއް ވަނީ ހިއްސާކުރެވިފައެވެ. އަދި މި މަނަވަރުގައި ބޭނުންކުރާ އެކިކަހަލަ އާލާތްތައް ބައިވެރިންނަށް ދައްކާލައި، އެއާގުޅޭ މަޢުލޫމާތުތައްވެސް ވަނީ ހިއްސާކޮށްފައެވެ.

ކުރިއަށްއޮތްތާގައިވެސް އިސްރަށްވެހިންގެ ނާދީގެ ފަރާތުން މިފަދަ ގިނަ ހަރަކާތްތަކެއް ރާވާ ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އިސްރަށްވެހިންނަކީ މުޖުތަމަޢުގައި އެމީހުންގެ ބައިވެރިވުން ހިމެނޭ، އެބައެއްގެ ޚިދުމަތްތަކުގެ އަގުވަޒަންކުރެވޭ، އަދި މުޖުތަމަޢުގެ އެންމެންގެ ލޯތްބާއި އިޙްތިރާމްލިބޭ ބަޔަކަށް ހެދުމަށް މިފަދަ ކޮންމެ ހަރަކާތަކުން މަގުކޮށިގެންދާކަމަށް މިވުޒާރާއިން ޤަބޫލުކުރަމެވެ.

05 ޖޫން 2024

28 ޛުލްގައިދާ 1445