އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ޚާއްސަ “ހައްޓަށް” ޕްރޮގްރާމް ފަށަނީ

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން މިންހެޔޮ ކާނާ ތައްޔާރުކުރަން ދަސްކޮށްދޭ ޕްރޮގްރާމް “ހައްޓަށް” މި ޖުލައި މަހުގެ 6 ގައި ފެށުމަށް ނިންމައިފި އެވެ.

މިއީ އިސްރަށްވެހިންގެ ނާދީ އާއި ޔޫއެންއެފްޕީއޭ ގުޅިގެން އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

55 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 25 މީހުން ބައިވެރިވާނެއެވެ. އަދި 10 ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ކައްކާ ކްލާސްތަކުގައި ހައްޓަށް ހެޔޮ، އަނގަޔަށް މީރު މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތް ބައިވެރިންނަށް ކިޔައިދޭނެ އެވެ. އެއާއެކު އަމަލީ ގޮތުން އެ ބާވަތްތައް ތައްޔާރުކުރާނެ ގޮތްތައް ވެސް މި ކްލާސްތަކުގައި ބައިވެރިންނަށް ދަސްކޮށްދޭނެއެވެ.

މި ކްލާހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 އަށް ގުޅުއްވައި ނަންނޯޓު ކުރެއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ. އަދި ނަން ނޯޓުކުރުމުގެ ފުރުސަތު 5 ޖުލައި 2024 ވާ ހުކުރު ދުވަހުގެ ހަވީރު 18:00 އާއި ހަމަޔަށް ހުޅުވާލެވިފައިވާކަމަށް ވެސް އިސްރަށްވެހިންގެ ނާދީން ވަނީ ބުނެފައެވެ.

އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީގައި ހުރުމަށް މިންހެޔޮ ކާނާއާއި ކަސްރަތަކީ މުހިންމު ރޯލެއް އަދާކުރާ ކަންކަމެވެ. އެހެންކަމުން މިންހެޔޮ ކާނާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް އިސްރަށްވެހިންގެ ނާދީން ގެންދަނީ ސިލްސިލާގޮތެއްގައި ކުރިއަށް ގެންދަމުންނެވެ. އަދި އިސްރަށްވެހިންނަށް ޚާއްސަ ލުއި ކަސްރަތު ޕްރޮގްރާމުތައް ކޮންމެ ހަފްތާއަކު ދެ ދުވަހު އިސްރަށްވެހިންގެ ނާދީގައި މިހާރު ވެސް ކުރިއަށް ގެންދަމުންދާކަން ފާހަގަކޮށްލެވެއެވެ.

އިސްރަށްވެހިންގެ ނާދީގައި ހިންގޭ ކޮންމެ ހަރަކާތަކީވެސް އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިންތިޒިމާކުރެވިގެން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. އަދި މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޖަމުއިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެމުން ގެންދާކަންވެސް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

03 ޖުލައި 2024

27 ޛުލްޙިއްޖާ 1445