އިސްރަށްވެހިންގެ ނާދީގައި އިއްދައާއި، ރަހިމާއި އުރަމަތީގެ ކެންސަރާ ގުޅޭ މަޢުލޫމާތު ސެޝަނެއް ބާއްވައިފި

އިއްދައިގައި ދިމާވާ މައްސަލަތަކާއި، އުރަމަތި އަދި ރަހިމުގެ ކެންސަރާއި ގުޅޭ މުހިންމު މަޢުލޫމާތު ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ބާއްވައިފިއެވެ. މި ސެޝަން ނަންގަވައިދެއްވީ ހުޅުމާލެ ހޮސްޕިޓަލްގެ ވެލް ވިމެން ކްލިނިކްގެ ފަރާތުންނެވެ.

އުމުރުން ދުވަސްވާއިރު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ ނުހަނު މުހިންމު ކަމަށް ވާއިރު، މި ސެޝަނުގައި ރަހިމާއި އުރަމަތީގެ ކެންސަރާއި، އިއްދައާއި ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ވަނީ ބައިވެރިންނާއި ހިއްސާކޮށްފައެވެ.

މިގޮތުން އުރަމަތީގެ ކެންސަރު ދެނެގަތުމަށް ކުރާ ތަފާތު ޓެސްޓުތަކާއި، އުރަމަތީގެ ކެންސަރު އަމިއްލައަށް ދެނެގަންނާނެ ގޮތް މި ސެޝަނުގައި ކިޔާދީފައިވެއެވެ. ހަމައެއާއެކު، އުރަމަތީގެ ކެންސަރަކީ އެންމެ ގިނައިން އަންހެނުންނަށް ޖެހޭ ކެންސަރުގެ އެއް ބާވަތަށް ވުމާއެކު، އެ ބައްޔާ މެދު ހޭލުންތެރިވުމުގެ މުހިންމުކަމަށްވެސް އަލި އަޅުވާލާފައިވެެއެވެ.

މީގެ އިތުރުން، ރަހިމާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގައި ދެވޭ ތަފާތު ފަރުވާތަކާއި، އެ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކުގެ އިތުރުން، ބަލީގެ އަލާމާތްތަކަށްވެސް މި ސެޝަނުގައި ބަލާލައިފައިވެއެވެ.

އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ ކޮންމެ ހަރަކާތަކީ ވެސް އިސްރަށްވެހިންގެ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. އަންހެނުންނަށް ދިމާވާ ތަފާތު މައްސަލަތަކާއި ގުޅޭގޮތުން ކުރިއަށް ގެންދެވުނު މިސެޝަންގައި ގިނަ ފަރާތްތަކެއް ބައިވެރިވެފައިވާކަން އިސްރަށްވެހިންގެ ނާދީއިން ފާހަގަކުރެއެވެ.