“އާއިލީ ތަރައްޤީއާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރުމަކީ ހުރިހާ މުއައްސަސާތަކެއްގެ ޒިންމާއެއް”

ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށްވީތީ، އުމުރުން ދުވަސްވީ ފަރާތަކަށް ވީތީ، އެކަނިވެރި މަޔަކަށް ވީތީ، ނުވަތަ ނިކަމެތި ފަރާތަކަށް ވީތީ، މުޖުތަމަޢުގައި އެފަރާތެއް ހަވާސާ ކުރެވިގެން ނުވާނެ ކަމަށާއި، ހިތާމަވެރި ކަމެއް ވިޔަނުދިމުނަށް ނާޒުކު ޙާލަތްތަކުގައިވާ ފަރާތްތަކާއި، ޢާއިލާތަކާއި، މުޖުތަމަޢުގެ ހުރިހާ ފަރާތްތަކާއެކު އެންމެ ގާތުން މަސައްކަތްކޮށް، ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން އެއްވެސް މީހަކު ހަވާސާވިޔަ ނުދީ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އައިމިނަތު ނަމްޒާ ވިދާޅުވެއްޖެއެވެ.

އެކަމަނާ އެހެން ވިދާޅުވެފައިވަނީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެކި މަސައްކަތްތަކާއި، އެވުޒާރާގެ ބެލުމުގެ ދަށުން ހިންގާ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ޕްރޮގްރާމާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ސަންގު ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

އިބަމަ އަކީ، ނާޒުކު ހާލަތުގައި ތިބި ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ވިލަރެސްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން އެންމެންގެ ޒިންމާއެއް ކަމަށް ދެކިގެން، އެއްވެސް މީހަކަށް ދެރައެއް ލިބުމަކީ އެންމެންވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމެއްކަން ޤަބޫލުކޮށް، އެފަދަ ކަމެއް ވިޔަ ނުދިނުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ގުރޫޕުތަކެކެވެ.

ޑެޕިއުޓީ މިނިސްޓަރ ނަމްޒާ އިތުރަށް ވިދާޅުވީ، އިބަމައިން ނެރެން ބޭނުންވާ ނަތީޖާއަކީ ކަމެއް ގޯސް ވިޔަ ނުދީ، ކަމެއް ފާހަގަވާ ހިސާބުން، އެންމެ ފުރަތަމަ މަރުހަލާގައިވެސް ބޭނުންވާ އެހީތެރިކަން ނާޒުކު ޙާލަތްތަކުގައިވާ ފަރާތްތަކަށް ފޯރުކޮށްދީ، އެހާލަތުން އަރައިގަތުމަށް އެހީތެރިވުން ކަމަށެވެ.

ހަމައެއާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާއި އެއްގޮތަށް، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، އެކަކު އަނެކަކާއި، އެއް މުއައްސަސާ އަނެއް މުއައްސަސާއާއި ގުޅިގެން އެކީގައި މަސައްކަތްކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރައްކާތެރި، އުފާވެރި މާޙައުލެއް ކަށަވަރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވެސް ޑެޕިއުޓީ މިނިސްޓަރ ނަމްޒާގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.