އަޑު އިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްސަ ކޯސްތަކެއް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން އަޑު އިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްސަ ދެ ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ކޯސްތަކަކީ ބައިވެރިންނަށް އެމީހުން ޚިޔާރުކުރާ ދާއިރާތަކުން ކުރިއަރާނެ ގޮތަށް، ހުނަރު ތަރައްޤީ ކުރުމަށް ފަރުމާކޮށްފައިވާ ކޯސްތަކެކެވެ.

މިގޮތުން ހިންގުމަށް ހަމަޖެހިފައިވާ ދެ ކޯހަކީ އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސްގެ ދާއިރާއިން ޤައުމީ ސެޓްފިކެޓް ލެވެލް 3 ގެ ކޯހަކާއި ކޭކު ޒީނަތްތެރިކުރުމުގެ ދާއިރާއިން ޤައުމީ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ. މި ދެ ކޯސްވެސް ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޮލިޓެކްނިކްގެ މާލެ ކެމްޕަހުގައެވެ.

މިފަދަ ކޯސްތަކަކީ، މުޖުތަމަޢުގައި އެންމެހައި ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރާ މުހިންމު މަސައްކަތުގެ ބައެކެވެ. މި ކޯސްތަކަށް ވީހާވެސް ގިނަ ފަރާތްތައް ކުރިމަތިލާ، އަގުހުރި ހުނަރުތައް ހޯދުމަށް މި ތަފާތު ފުރުޞަތުގެ ބޭނުން ހިފުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިލްތިމާސްކުރެއެވެ.

11 ޖުލައި 2024

05 މުޙައްރަމް 1446