އަމިއްލަ މޯލްޑިވްސް ރިސޯޓުގެ އެކްސެސިބިލިޓީ އިންތިޒާމުތައް ބެލުމަށް މިވުޒާރާއިން އެ ރިސޯޓަށް ޒިޔާރަތްކޮށްފި

އަމިއްލަ މޯލްޑިވްސް ރިސޯޓުން ދެއްވި ދަޢުވަތަކަށް އިޖާބަދެއްވާ، މި ވުޒާރާއިން ކުރި ޒިޔާރަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ރިސޯޓުގައި ބިނާކުރެވިފައިވާ ‘އެކްސެސިބިލިޓީ’ ގެ އިންތިޒާމުތައް ބަލައި، އެފަރާތްތަކަށް ދެވޭ ޚިދުމަތްތަކާއި، ވަޒީފާ ދިނުމުގައި ވަޒީފާގެ މާޙައުލަށް ގެންނަންވާ ބަދަލުތަކުގެ މަޢުލޫމާތު ހިއްސާކުރެވުނެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ އަދި އިންޓާންޝިޕްގެ ފުރުޞަތު ފަހިކޮށްދިނުމުގައި މި ވުޒާރާއާއި އަމިއްލަ މޯލްޑިވްސް ގުޅިގެން ކުރެވޭނެ މަސައްކަތްތައް މަޝްވަރާކޮށް، އެކި ބާވަތުގެ ނުކުޅެދުންތެރިކަމާއި ގުޅޭ މުހިންމު ބައެއް މަޢުލޫމާތު ހިއްސާކުރެވުނެވެ.

މި ފުރުޞަތުގައި އަމިއްލަ މޯލްޑިވްސް ރިސޯޓުގެ މެނޭޖްމަންޓް ޓީމްގެ ފަރާތުން ބެހެއްޓެވި މެހެމާންދާރީއާއި، ގާތްކަމަށް، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިތްފަސޭހަ، ބަދަހި މާޙައުލެއް ބިނާކުރުމަށް ދެއްވާ އަޙައްމިއްޔަތަށް ޝުކުރުދަންނަވަމެވެ. އުންމީދަކީ، މުސްތަޤްބަލުގައި ރާއްޖޭގެ އެންމެހައި އިދާރާތަކާއި، މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކަކީވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ‘އެކްސެސިބަލް’ ނުވަތަ ފަސޭހައިން ވަސީލަތްތައް ބޭނުންކުރެވޭނެ ނިޒާމުތައް ޤާއިމުކުރުމަށް އިސްކަންދޭ ތަންތަނަށް ވެގެންދިއުމެވެ.

12 ޖޫން 2024

06 ޛުލްޙިއްޖާ 1445