ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 48 ވަނަ އަހަރީ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށްފި

1976 ވަނަ އަހަރު ޤާއިމްކުރެވުނު ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 48 ވަނަ އަހަރީ ދުވަސް މިރޭ ކުލަގަދަ ގޮތެއްގައި ކ. ގުރައިދޫގައި ހުންނަ މި މަރުކަޒުގައި ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމަށް ބޭއްވުނު ޙަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ މިވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ.

ކ. ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ހަވާލުކޮށް، އިޖުތިމާޢީ ގުޅުންތަކާއި ހުނަރުތައް ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމުތައް މި މަރުކަޒުގައި މިހާރު ކުރިއަށް ގެންދެއެވެ. އަދި 48 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކާއި މުވައްޒަފުން ގުޅިގެން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިގޮތުން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި މަޒުކަޒުގެ މުވައްޒަފުންގެ މެދުގައި ފޯރިގަދަ ފުޓްސަލް މުބާރާތެއް ވަނީ ބާއްވައިފައެވެ. އަދި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް ފައިގަތަޅާ މުބާރާތެއްވެސް ވަނީ ކުރިއަށްގެންދެވިފައެވެ. މީގެއިތުރުން އަހަރީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން މަރުކަޒުގެ ގޯތިތެރެ ސާފުކުރުމާއި ކުލަލުމުގެ މަސައްކަތް ކޮށްފައިވަނީ މުވައްޒަފުންނާއި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ. ހަމަމިއާއެކު، މަރުކަޒުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު މި ހަރަކާތަށް މުވައްޒަފުންނާއި ބަލިމީހުންގެ އިތުރުން، ރަށުގެ ރައްޔިތުންގެ ނުހަނު ބޮޑު އެއްބާރުލުމެއްވަނީ ލިބިފައެވެ.

މިރޭ ބޭއްވުނު މި ޚާއްސަ ޙަފްލާގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަކޮށް، އަލަށް ފަށަން ހަމަޖެހިފައިވާ އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމުގެ 4 ތަމްރީނު ޕްރޮގްރާމެއް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އިފްތިތާޙު ކޮށްދެއްވިއެވެ. މީގެ ތެރޭގައި ކުރެހުމުގެ ކޯހަކާއި ސްކްރީން ޕްރިންޓިން ކޯހަކާއި، ފަހާ ކޯހެއް އަދި ކައްކާ ކޯހެއް ހިމެނެއެވެ. މީގެ އިތުރުން ދާދި ފަހުން މި މަރުކަޒުގައި ޢާއިލާތަކަށް ހަވާލުކުރުމަށް ތައްޔާރުވެފައި ތިބި، ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޕޮލިޓެކްނިކްއާއި ގުޅިގެން ކުރިއަށް ގެންދެވުނު ބޭސިކް ކޭކް ޑެކަރޭޝަން ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުންވެސް މި ޙަފްލާގައި ކުރިއަށްގެންދެވުނެވެ. މި ޙަފްލާގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި މި މަރުކަޒުގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ އެންމެހައި ފަރާތްތަކުގެ އަގު ވަޒަން ކުރައްވާ އެފަރާތްތަކަށް ޝުކުރުދެންނެވިއެވެ. އަދި މިރޭ ގުރައިދޫ މަރުކަޒުގައި ބޭއްވުނު މި ޚާއްސަ ޙަފްލާގައި މަރުކަޒަށް 20 އަހަރު ޚިދުމަތް ކުރައްވާފައިވާ 18 ފަރާތަކަށް ހަނދާނީ ޝީލްޑްވެސް ވަނީ ހަވާލުކުރެވިފައެވެ.

މި މަރުކަޒުގައި ދެވޭ ފަރުވާއާއި، ކުރިއަށް ގެންދެވޭ އެންމެހައި ހަރަކާތްތަކުގެ އެންމެ މުހިންމު މަޤުޞަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ފަރުވާ ހޯދަމުން އަންނަ ކޮންމެ ފަރާތަކީ އަބުރުވެރި، އުފާވެރި، އަދި އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބިގެންވާ ފަރާތަކަށް ހެދުމެވެ. އަދި އެފަދަ ކޮންމެ ފަރާތަކަށްވެސް އެފަރާތްތަކުގެ ޢާއިލާއާއެކު މުޖުތަމަޢުގައި ހަމަޖެހޭ، ރީތި ދިރިއުޅުމެއް، ބާކީކުރުމެއް އަދި ތަފާތުކުރުމެއް ނެތި އުޅުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

7 ޖޫން 2024

30 ޛުލްގައިދާ 1445