ކ. ގުރައިދޫ މަރުކަޒުގައި ގަސް އިންދުމުގެ ޚާއްސަ ޕްރޮގްރާމެއް ހިންގައިފި

ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ބޭނުންކުރަމުން އަންނަ ފަރުވާގެ މޮޑެލްގެ ދަށުން ފަރުވާއާއި ރީހެބިލިޓޭޝަންގެ އިތުރުން، މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނައުމަށް މި ވުޒާރާއިން ވަރަށް ބޮޑު އިސްކަމެއްދެމެވެ. އަދި އެފަރާތްތައް ރީހެބިލިޓޭޓްކޮށް، ދިރިއުޅުމުގެ އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ގިނަ ޕްރޮގްރާމުތައް މިހާރު މަރުކަރުކަޒުގައި ކުރިއަށްގެންދެއެވެ.

މިގޮތުން ކ. ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި މުވައްޒަފުންނަށް ހިތްފަސޭހަ މާޙައުލެއް ގާއިމުކުރުމުގެ މަގުޞަދުގައި މަރުކަޒުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ޖޫން މަހުގެ 3 ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އެފަރާތްތައް އަލުން މުޖުތަމަޢަށް އަނބުރާ ގެންނަން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި މިފަދަ ގިނަ ޕްރޮގްރާމްތައް ރާވާ، އެފަރާތްތަކުގެ ބައިވެރިވުން ނުހަނު މުހިންމެވެ. މިއީ އިޖުތިމާޢީ ހުނަރުތައް އެފަރާތަކަށް ދަސްކޮށްދީ އިޖުތިމާޢީ ކަންކަމަށް އިތުރަށް އަހުލުވެރިކުރުވުމަށް ބާރުއަޅާ، އެ މަގުފަހިކޮށްދިނުމުގެ ނިޔަތުގައި ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.

މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު މަގުޞަދަކީ މި މަރުކަޒުގައި ފަރުވާ ހޯދާ މުއްދަތަކީ ކޮންމެ ފަރާތަކަށްވެސް އުފާވެރި، ހިތްހަމަޖެހޭ، ދުވަސްތަކަކަށް ހެދުމެވެ. އަދި ގަސް އިންދުމުގެ މި ޕްރޮގްރާމް ހިންގުމުގައި ކ. ގުރައިދޫ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކުރަމެވެ. ކުރިއަށް އޮތް ތަނުގައިވެސް މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން މިފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

05 ޖޫން 2024

28 ޛުލްގައިދާ 1445