ކ. ގުރައިދޫގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ‘ރީއިންޓަގްރޭޝަން ވޯޑު’ ގެ ނަމުގައި މުޅިން އައު ވޯޑެއް ހުޅުވައިފި – އަމާޒަކީ ފަރުވާ ފުރިހަމަކޮށް ޢާއިލާތަކަށް އަނބުރާ ދިޔުމުގެ ކުރިން އިޖުތިމާޢީ އެކި ހުނަރުތައް އެފަރާތްތަކަށް ދަސްކޮށްދިނުން

ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ ހުނަރު ޕްރޮގްރާމްތަކާއެކު ފަރުވާ ފުރިހަމަކުރުމަށްފަހު ޢާއިލާތަކަށް ރުޖޫޢަވުމުގެ ކުރިން ގޭތެރޭގެ ދިރިއުޅުން ދަސްކޮށްދިނުމަށް ރީއިންޓަގްރޭޝަން ވޯޑުގެ ނަމުގައި މުޅިން އައު ވޯޑެއް ހުޅުވައިފިއެވެ. އަލަށް ހުޅުވުނު މި ވޯޑު ޚާއްޞަކުރެވިފައިވަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ، މުޖުތަމަޢަށް ނިކުތުމަށް ތައްޔާރުވެފައިވާ އަންހެނުންނަށެވެ.

 

އަލަށް ހުޅުވުނު މި ވޯޑު ހުޅުވުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ގޭތެރޭގެ ދިރިއުޅުމުގައި ބޭނުންކުރާ ހުނަރު ތަކާއި އާންމު އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމެވެ. ބަދިގެއާއި އެކު ބޭނުންކުރެވޭ ގެއެއް ގޮތަށް ފަރުމާ ކޮށްފައިވާ 10 މީހުންގެ ޖާގައިގެ މި އިމާރާތުގެ އިތުރުން ފިރިހެނުންނަށް ޚާއްޞަ 14 އެނދުގެ މިފަދަ އެހެން ވޯޑެއް އަންނަ މަހު ހުޅުވުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.

 

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަކީ މިވުޒާރާގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް އޯގާތެރިކަމާއެކު، ގާތުން ޚިދުމަތް ފޯރުކޮށްދީ، އެފަރާތްތަކުގެ އުނދަގޫތައް ދެނެގަނެ، އެކަންކަން ޙައްލުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ވުޒާރާއެކެވެ. މި ވުޒާރާގެ އަމާޒަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ. މިފުރުޞަތުގައި ބޭންކް އޮފް މޯލްޑިވްސްއިން މި ގެތައް އިމާރާތް ކުރުމަށް ވެދެއްވި އެހީތެރިކަމަށް މި ވުޒާރާގެ ނަމުގައާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ނަމުގައި ޝުކުރު ދަންނަވަމެވެ.

 

   27 މެއި 2024

19 ޛުލްގައިދާ 1445