ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ޤާނޫނީ ޒިންމާތައް!

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/19) ގައި ކުދިންނަށްޓަކައި އެކުދިންގެ މައިން ބަފައިން އަދާކޮށްދޭން ޖެހޭ ޒިންމާތައް ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ.

މިގޮތުން ކޮންމެ ކުއްޖަކުވެސް އުފަންވުމާއެކު، ޤާނޫނު ޤަބޫލުކުރާ ނަމެއް ލިބުމާއި، އެކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރެވިފައި އޮތުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި އުފަންވުން ރަޖިސްޓަރީކުރެވިފައި އޮތުމުގެ ޙައްޤުގެ ތެރޭގައި، ޤާނޫނު ޤަބޫލުކުރާ ނަމަކާއި، ކުއްޖާގެ ޖިންސާއި، އުފަން ތާރީޚާއި، އުފަންވި ތަނާއި، މައިންބަފައިންނަކީ ކޮބައިކަމާއި، ޤައުމީ ނިސްބަތް ހިމެނޭގޮތުން، އެކުއްޖާގެ އުފަންވުމާގުޅޭ އެންމެހައި މަޢުލޫމާތު ރަޖިސްޓަރީކުރެވިފައި އޮތުމުގެ ޙައްޤު ހިމެނެއެވެ.

މީގެ އިތުރުން ކުއްޖާ އުފަންވުމާއެކު ކުއްޖާގެ އުފަންވުން ޤާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރުމަކީ މައިންބަފައިންނަށް ލާޒިމްވެގެންވާ ކަމެކެވެ. ކުއްޖެއްގެ އުފަންވުން ޤާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ނުކޮށްފިނަމަ އެކުއްޖާއާމެދު އިހުމާލުވީކަމަށްބަލައި ޤާނޫނާއި ޤަވާއިދުގައި ވާގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

އެއާއެކު، ޤާނޫނުގައިވާ ގޮތުގެމަތިން، ކުއްޖާގެ ޚަރަދުތައް ބެލެހެއްޓުމަކީ މައިންބަފައިންގެ އަސާސީ ޒިންމާއެކެވެ. އަދި މައިންބަފައިން ދުނިޔޭގައި ތިބެ، ކުއްޖާ ބަލަހައްޓަމުން ގެންދަނީ ދައުލަތުން ނުވަތަ މި ޤާނޫނުގެ ދަށުން ކަނޑައެޅޭ އެހެން ފަރާތަކުންނަމަ، ކުއްޖާގެ މައިންބަފައިން ކުއްޖާގެ ޚަރަދު އެފަރާތަކާ ޙަވާލުކުރަންވާނެއެވެ. މައިންބަފައިން، އެމީހުންގެ ދަރިންނަށް ދޭންޖެހޭ ޚަރަދު ދިނުމުގައި އިހުމާލުވެއްޖެނަމަ، އެކަމާއި ގުޅިގެން ދައުލަތުން ފިޔަވަޅު އަޅަންޖެހެއެވެ.

މީގެ އިތުރުން، ކުއްޖާގެ މަޞްލަޙަތަށް ނޭދެވޭ އަސަރެއް ކޮށްފާނެ ޙާލަތެއްގައި މެނުއީ، ކުއްޖާއާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުމުގެ ޙައްޤު ކުއްޖާގެ ގާތްތިމާގެ މީހުންނަށާއި، ކުއްޖާއާ ޢާއިލީގޮތުން ގާތް ގުޅުމެއް އޮންނަ ފަރާތްތަކަށް ލިބިގެންވެއެވެ. އަދި ހަމަ މިފަދައިން، ކުއްޖާގެ މަޞްލަޙަތަށް ނޭދެވޭ އަސަރެއް ކޮށްފާނެ ޙާލަތެއްގައި މެނުވީ، ކުއްޖާގެ މަންމަ ނުވަތަ ބައްޕައާ ވަކިން ދިރިއުޅޭ ޙާލަތުގައި، ކުއްޖާއާ ވަކިން ދިރިއުޅޭ ފަރާތާއި، ގަވާއިދުން ބައްދަލުކޮށް، ގުޅުން ބަދަހިކުރުމުގެ ޙައްޤު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.

އުނގެނުމުގެ ޙައްޤު ކުއްޖާއަށް ލިބިދިނުމަށްޓަކައި، ކުއްޖާ ސްކޫލެއްގައި ރަޖިސްޓަރީކުރުމާއި ކުއްޖާ ގަވާއިދުން ސްކޫލަށް ފޮނުވުމަކީ، އަދި ކުއްޖާގެ އުނގެނުމުގެ ޙައްޤަށް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށް ކުއްޖާއާމެދު އަބަދުމެ ޢަމަލުކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.

އަދި ކުއްޖާގެ އަޚްލާޤު ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި ކުއްޖާގެ ކަންކަން ބަލަހައްޓައި، ކުއްޖާއަށް ނަސޭހަތާއި އިރުޝާދުދިނުމުގެ ޙައްޤު މައިންބަފައިންނަށް ލިބިގެންވީ ނަމަވެސް، އަޚްލާޤީ ފިޔަވަޅެއް އެޅުމުގެ ނަމުގައިވިޔަސް ނުވަތަ އެނޫންގޮތަކުންވިޔަސް ކުއްޖާއަށް އެއްވެސް އަނިޔާއެއްކޮށް، ނުވަތަ ކުއްޖާއަށް ރަޙުމްކުޑަ، ލާއިންސާނީ އަދަބެއް ދީގެންނުވާނެ އެވެ. ނުވަތަ ކުއްޖާއާމެދު އެއްވެސް އިހާނެތި ޢަމަލެއް ނުވަތަ ކުއްޖާ ލަދުގަންނާނެ ފަދަ އެއްވެސް ޢަމަލެއް ހިންގައިގެންނުވާނެއެވެ.

ކުއްޖާ ބަލައި ބޮޑުކުރުމާއި ތަރުބިއްޔަތުކުރުމުގެ ގޮތުން މި ޤާނޫނުގެ ދަށުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން މައިންބަފައިން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުގެންދާނަމަ، އެކަން އިޞްލާޙުކުރުމަށްޓަކައި، ކުއްޖާގެ މައިންބަފައިންނާމެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ. އަދި ކުއްޖާ ބަލަހައްޓަނީ ކުއްޖާގެ މައިންބަފައިން ފިޔަވައި އެހެން ފަރާތަކުންނަމަ، މި ޤާނޫނުގެ ދަށުން ކުއްޖާގެ މައިންބަފައިންނަށް މަތިކޮށްފައިވާ އެންމެހައި ޒިންމާއާއި މަސްއޫލިއްޔަތުތައް އެ ފަރާތެއްގެ މައްޗަށް ހިނގާނެއެވެ.

ކުއްޖާގެ ޒިންމާތަކަށް އަލި އަޅުވާލާއިރު، މައިންބަފައިންނާއި ޢާއިލާއާއި އުނގަންނައިދޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ކުދިންގެ އަޚްލާޤާއި ދިރިއުޅުން ބައްޓަންކުރަންވާނެއެވެ. އަދި ތަޢުލީމާއި ތަމްރީން ހޯދުމަށް އެންމެ އިސްކަންދީގެން ދިރިއުޅުން ހެޔޮގޮތުގައި ބައްޓަންކުރުމާއި، ދިވެހި ކޮންމެ ކުއްޖަކުމެ، އިސްލާމީ ޢަޤީދާއާއި އިސްލާމީ ތަރުބިއްޔަތާ އެއްގޮތްވާ ގޮތުގެމަތިން ދިރިއުޅުން ބައްޓަންކޮށް، އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް އިޙްތިރާމްކުރުމާއި ކުށްކުރުމާއި ނޭދެވޭ ޢަމަލުތައް ކުރުމުން ދުރުހެލިވާން ވާނެއެވެ.

މީގެ އިތުރުން ޢާންމު ދިރިއުޅުމުގައި ހެޔޮ ނަތީޖާ ނިކުންނާނެ ގޮތަށް ކަންކަން ނިންމުމަށް އަބަދުމެ މަސައްކަތްކޮށް، ކޮންމެ ކުއްޖަކަށް ލިބިގެންވާ ޖިސްމާނީ އަދި ފިކުރީ ޤާބިލުކަން މުޖުތަމަޢަށް އަދި ޤައުމަށް ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް މަސައްކަތްކުރަންވާނެއެވެ.

11 ޖުލައި 2024

05 މުޙައްރަމް 1446