ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމަށް އަދި އެކަމަށް ފިޔަވަޅު އެޅުމަށް އެކުލަވާލެވޭ ޤައުމީ އެކްޝަން ޕްލޭން (2028-2024) އާއި ގުޅޭގޮތުން ކުރިއަށްގެންދެވުނު 2 ދުވަހުގެ މަޝްވަރާބައްދަލުވުމާއި ގުޅޭ

ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގް އެންޑް ރެސްޕޮންޑިންގް ޓު ވައިލެންސް އަގައިންސްޓް ޗިލްޑްރެން (2024-2028) ވެލިޑޭޓް ކުރުމަށްޓަކައި 2 ދުވަހުގެ ޓެކްނިކަލް ސެޝަންތަކެއް ޖޫން މަހުގެ 9 ވަނަ ދުވަހުން 10 ވަނަ ދުވަހަށް ބަނޑޮސް މޯލްޑިވްސްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގައި ކަމާއި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި، އިދާރާތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން ކުޑަކުދިންގެ ރަޢުޔު ހޯދުމަށްޓަކައި ސްކޫލް ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.

ނޭޝަނަލް އެކްޝަން ޕްލޭން 2024-2028 އެކުލަވާލުމަށް ކުރިއަށް ގެންދާ މި މަޝްވަރާތަކުގައި، މިކަމުގައި ހުރި ގިނަ ގޮންޖެހުންތައް ފާހަގަކޮށް، ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރުމުގައި ހުރި ޤާނޫނީ ގޮންޖެހުންތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި މުއައްސަސާތަކާއެކު ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާއި، ވަސީލަތްތައް ލިބުމުގެ ދަތިކަމާއި، ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ ޒިންމާތައް ހަމަހަމަކުރުމުގައި ހުރި ގޮންޖެހުންތަކާއި، ރައްކާތެރިކަމުގެ މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަމަށް މި މަޝްވަރާތަކުގައި އަލިއަޅުވާލެވުނުވެ.

ދެ ދުވަހުގެ މި ޓެކްނިކަލް ސެޝަންތަކުގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކަކީ ނަތީޖާއަށް ބިނާކުރެވިގެން ކުރިއަށް ގެންދެވުނު މަޝްވަރާތަކެކެވެ. މިގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި ރައްދުދިނުމުގައި ވަށާޖެހޭ ހައްލެއް ކަށަވަރުކޮށްދީ، ކުޑަކުދިން ރައްކާތެރިކުރުމުގެ އެންމެހައި ދާއިރާތައް އެކްޝަން ޕްލޭންގައި ހިމެނުމަށް ވަރަށް ބޮޑު އިސްކަމެއް ވަނީ ދީފައެވެ.

10 ޖޫން 2024

04 ޛުލްޙިއްޖާ 1445