“ކާމިޔާބުގެ ރަސްމަގު” ޕްރޮގްރާމުގައި ބައިވެރިވެ އިސްރަށްވެހިންގެ ޝުއޫރުތައް ފާޅުކޮށްފި

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “ކާމިޔާބުގެ ރަސްމަގު” ޕްރޮގްރާމުގައި ބައިވެރިވެއިސްރަށްވެހިންނަށް ދިމާވާ ތަފާތު އިޖުތިމާއީ މައްސަލަތަކާއި ގުޅޭ ޝުއޫރުތައް ފާޅުކޮށްފިއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ އިސްރަށްވެހިންގެ ނާދީގައެވެ. ޕްރޮގްރާމު ހުށަހަޅުއްވާ ދެއްވާފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ޕްރެސެންޓަރ ރުޤިއްޔާ ސައީދެވެ.

އިސްރަށްވެހިންގެ ފަރާތުން ފާޅުކުރައްވާ ޝުއޫރުތަކާއި، އެބޭފުޅުންގެ ފަރާތުން ހުށަހަޅާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ޕެނަލްގައި ޝެއިޚް ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ، އަދިދިވެހިޚާރިޖިއްޔާއަށް ޚިދުމަތްކުރައްވަމުން ގެންދަވާ ޑރ ހާލާ ހަމީދުގެ އިތުރުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބު މަރިޔަމް ލަހުފާ ޚަލީލް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ބޭފުޅުން ވަނީ އިޖުތިމާއީ ގޮތުން އެފަރާތްތަކަށް ދިމާވާ ބައެއް ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އެގޮތުން އާއިލީ ގުޅުންތައް ކުޑަވުމާއި، އެކަހެރިވުމުގެ އިހުސާސް ކުރެވުމާއި، ހިޖުރަކުރަން ޖެހުމުން ދިމާވާ މައްސަލަތަކާއި، މަގުމަތީގެ ރައްކާތެރިކަމާއި ގުޅުންހުރި ގިނަ ކަންކަން ބައިވެރިން ވަނީ ހިއްސާކޮށްފައެވެ.

މި ޕްރޮގްރާމުގެ ޒަރިއްޔާއިން، ޕެނަލިސްޓުންގެ ފަރާތުން ވަނީ އާއިލީ ގުޅުންތައް ކުޑަވުމަށްމެދުވެރިވާ ސަބަބުތަކަށް އަލިއަޅުވާލާ މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ. އަދިދިވެހިންގެ އާދަކާދައާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އާއިލީގުޅުންތައް ދަމަހައްޓަމުން އައި ގޮތާއި، މިހާރު އެ ގުޅުންތައް ބަދަހިކުރުމަށް ކުރެވިދާނެކަންކަމާއި ގުޅޭގޮތުން ވެސް ޕްރޮގްރާމުގައި ވަނީ މަޝްވަރާކުރެވިގެން ގޮސްފައެވެ.

މީގެ އިތުރުން އެކަހެރިކަން އިހުސާސް ކުރެވޭނަމަ، އެކަމުން އަރައިގަތުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނާނެ ބަދަލުތަކާއި، އިސްލާމީ ނަޒަރަކުން އެފަދަ މައްސަލަތަކުން އަރައިގަތުމަށް ކުރެވޭނެ ކަންކަމާއި ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

ދިވެހިރާއްޖޭގެ އަޑުން އިސްރަށްވެހިންގެ ނާދީގައި، ބައިވެރިންނަށް ހުޅުވާލައިގެން މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވާއިރު، ކުރިއަށް އޮތްތަނުގައި ވެސް ތަފާތު މަޢުޟޫއަށް ވާހަކަދެއްކުމުގެ ފުރުސަތު ފަހިކޮށް، މިފަދަ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.