ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މި މަހުގެ 3ން 4ށް އިންތިޒާމުކުރާ ރިވެލި މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުމާއި އެމީހުންނަށް ލީޑަރޝިޕް ރޯލްތައް ހޯދައިދިނުމާއި، އެ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އެ ފަރާތްތަކުގެ އަޑު އުފުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ މި މައުރަޒު ކުރިއަށް ދަނީ ނެޝަނަލް އާރޓް ގެލެރީގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ރައްކާތެރި މުޖުތަމަޢުއެއް ހެދުމަށް ޓަކައި ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށާއި، އެ ގޮތުން އަޅައިލުމާއި އޯގާތެރިކަން އިސްކުރަންޖެހޭކަމަށެވެ. އެ ގޮތުން މުޖުތަމަޢުގައި ދިރިއުޅެމުންދާއިރު، އެންމެންގެ ބައިވެރިވުމަށާއި މަޞްލަޙަތަށް އިސްކަންދޭންޖެހޭކަން ފާހަގަކުރައްވައި، ފަރުދީ ފެންވަރުގައި ވެސް އެ ފަރާތްތަކަށް އެހީވުމުގެ މުހިންމުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ލާބައަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި، އެ ކަމަށް ހިތްވަރުދިނުމުގެ 18 ފަރާތަކަށް ހަނދާނީ ލިޔުން ދެވިފައިވެއެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަމުގެ މަޤާމަށް އަޙްމަދު ހިޝާން އައްޔަނުކުރައްވައިފައިވެއެވެ.
ރިވެލި މައުރަޒުގައި 50ށް ވުރެ ގިނަ ފަރާތުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އެމެރިކާ އަދި ޗައިނާގެ މާކެޓުގައި ހިމެނޭ ބޮޑެތި ބްރޭންޑުތަކުން އޮންލައިންކޮށް ވިޔަފާރި ކުރުމަށް މޯލްޑިވްސް ޕޯސްޓު ލިމިޓެޑުން އިފުތިތާހުކޮށްފައިވާ “އީޓުކުރި” ޚިދުމަތް މެދުވެރިކޮށް އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ވެސް މި މައުރަޒުގައި ލިބިގެންދާނެއެވެ.
06 ރަބިޢުލްއާޙިރު 1441
03 ޑިސެންބަރު 2019