ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ސިޔާސަތުތައް އެކަށައަޅާ ދެމެހެއްޓެނިވި ގޮތެއްގައި އެމީހުންގެ ދުޅަހެޔޮކަން ކަށަވަރުކޮށް ދައުލަތުގެ ނިޒާމުގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ރާއްޖޭގެ އާބާދީގެ ކޮންމެ ރަށެއްގެ ކޮންމެ ގޭބީސީއެއްގައި ހުރި މިފަދަ ފަރާތްތަކުގެ މައުލޫމާތު އެއްކުރެވި، އެމީހުންގެ ހާލަތު ގަވާއިދުން ބަލައި މޮނިޓަރކުރެވޭނެ ދައުލަތުގެ ނިޒާމެއް ޤާއިމްކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި ދައުލަތުން އެލަވެންސް ދިނުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް މަރުކަޒުކުރެވިގެން ޚިދުމަތްތަކެއް މިހާރު ވެސް ފޯރުކޮށްދެމުން ދިޔަ ނަމަވެސް، ރާއްޖޭގެ އާބާދީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ މުޅި ޖުމްލަ އަދަދާއި އަދި އެފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލެވިފައެއް ނުވެއެވެ. އަދި އެއްވިއުގައެއްގެ ތެރެއިން މި މަޢުލޫމާތުތައް ބަލާލެވޭނެ ނިޒާމެއް ވެސް މިހާތަނަށް ޤާއިމްކުރެވިފައެއް ނުވެއެވެ. މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުގެ މީހުންނާއި ގުޅުންހުރި މައުލޫމާތުތައް ބަލަހައްޓަމުން އައިސްފައިވަނީ އެކި އިދާރާތަކުން އެކި މިންވަރަށެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދަފްތަރެއްގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައި އޮތް ނަމަވެސް، ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުން ދެނެގަތުމަށް ދިރާސާއެއް ހަދައި ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތުތައް އެއްކުރެވިފައެއް ނުވެއެވެ. މިހާތަނަށް މި ދަފްތަރުގައި ރަޖިސްޓްރީވެފައި ވަނީ އަމިއްލައަށް ބޭނުންވެގެން ރަޖިސްޓްރީވާ ފަރާތްތައް އެކަންޏެވެ. އަދި ރަޖިސްޓްރީ ވުމަށްފަހު، ޤަވައިދުން އެމީހުންގެ ހާލަތު ބަލައި މޮނިޓަރކޮށް އެފަރާތްތަކުގެ މަޢުލޫމާތު އަދާހަމަކުރެވޭނެ ނިޒާމެއް ވެސް މިހާތަނަށް ޤާއިމްވެފައެއް ނުވެއެވެ.
އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ފުރިހަމަ މަޢުލޫމާތު ހިމެނޭ ދަފްތަރެއް މިހާތަނަށް އެކުލަވާލެވިފައި ނުވުމަކީ ރާއްޖޭގެ އާބާދީގައި ދައުލަތުގެ ޚާއްސަ ސަމާލުކަން ބޭނުންވާ ބަޔަކު ތިބި ނަމަވެސް، އެމީހުން ބާކީވެގެން ދިއުމުގެ އިހުތިމާލު އޮތް ކަމެކެވެ. އޭގެ އިތުރުން އެއް ވިއުގައެއްގެ ތެރެއިން އެމީހުންގެ ހާލަތު ބަލާ މޮނިޓަރކުރެވޭނެ ނިޒާމެއް ނެތުމުން، ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި ބަޔަކު ތިބި ނަމަވެސް، އެކަން ދެނެނުގަނެވި، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްނުދެވުމާއެކު، އިހުމާލުވުމުގެ މައްސަލަތައް ފެންމަތިވަމުން އަންނަކަން ފާހަގަކުރެވެއެވެ.
މިކަންކަމަށް ރިޢާޔަތްކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ކެބިނެޓުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ފުރިހަމަ މައުލޫމާތު ހިމެނޭ ޤައުމީ ދަފްތަރެއް އެކުލަވާލުމަށްޓަކައި، ޤައުމީ ފެންވަރުގެ ސާވޭއެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
މި ސާވޭއަށް ފަހު އެއްކުރެވޭ މައުލޫމާތުތަކުގެ މައްޗަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ޤައުމީ ދަފްތަރެއް އެކުލަވާލެވިގެން ދާ ހިނދު، ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ގޭބީސީއެއްގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ފުރިހަމަ މަޢުލޫމާތު އެއްވިއުގައެއްގެ ތެރެއިން ބަލާލެވޭނެ ނިޒާމު ޤާއިމްކުރެވިގެންދާނެއެވެ. އެއާއެކު ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި މީހަކު ހުރިކަމަށް ވާނަމަ އެކަން ދެނެގަނެވި އެމީހުންނަށް ފުރަތަމަ މަރުހަލާގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެއެވެ.
ހަމައެއާއެކު، މިފަދަ ޤައުމީ ދަފްތަރެއް އެކުލަވާލާ އޭގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ބައްޓަންކުރުމުގެ މަސައްކަތްތައް ކުރެވެން ފެށުމާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ އިތުރުން އެމީހުންގެ އިޖުތިމާޢީ ދުޅަހެޔޮކަމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ޢާއިލީ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއެކު އެމީހުންނަކީ އަބުރުވެރިކަމާއެކު މުޖުތަމަޢުގައި އުޅޭ ބަޔެއްކަން ކަށަވަރުކުރުމަށް މުޖުތަމަޢު ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތްތައްވެސް ކުރެވިގެންދާނެއެވެ.
އޭގެ އިތުރުން އެމީހުންނަށް ދައުލަތުން ފޯރުކޮށްދޭ އެލަވަންސްގެ ފައިދާ އެމީހުންނަށް ކުރާ މިންވަރާއި، އެމީހުންގެ ހާލަތު ގާތުން ބަލައި މޮނިޓާކުރެވޭނެ ނިޒާމެއްގެ ޤާއިމްކުރެވިގެންދާނެއެވެ. މީގެ ސަބަބުން، އިހުމާލުވުމާއި، އަނިޔާގެ މައްސަލަތަކާއި މުޖުތަމަޢުއިން ބާކީވެ ހަވާސާވުންފަދަ ބޮޑެތި އިޖުތިމާޢީ މައްސަލަތަކުގެ ޝިކާރައަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުން ވެގެން ދިއުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވެގެންދާނެއެވެ.
2 މުޙައްރަމް 1446
8 ޖުލައި 2024