ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓާންޝިޕްގެ ފުރުސަތު ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ އެންމެނެކޭ އެއްފަދައިން ޙަރަކާތްތެރިވެ އުޅޭ، މުޖުތަމަޢުގެ އެންމެހާ ކަންކަމުގައި ބައިވެރިވެ އުޅޭ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިގަނެ، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްޤީކުރުމުގެ ފުރުޞަތުތައް ފަހިކުރުމެވެ.

މިފަދަ އިންޓާންޝިޕްތަކުގެ ބައިވެރިންނަށް އެފަރާތްތަކުގެ ޝައުގުވެރިކަންހުރި ދާއިރާތައް ފާހަގަކުރުމަށް ފަސޭހަވެގެންދިއުމުގެ އިތުރުން ވަޒީފާދޭ ފަރާތްތަކަށްވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރުމަށް އަހުލުވެރިވެގެންދާނެއެވެ. މިއާއެކު ދާއިމީ ވަޒީފާތަކުގެ ފުރުސަތުތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަހިވެގެންދިއުމާއެކު، މަސައްކަތުގެ މާޙައުލަށް އަހުލުވެރި ފަރާތްތަކެއް ބިނާކުރެވިގެންދާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، މަސައްކަތުގެ މާޙައުލަށް ނެރެ، މިނިވަންކަމާއެކު ދިރިއުޅެވޭ ބަޔަކަށް ހެދުމުގެ މައިގަނޑު އެއް މަޤްޞަދަކީ މިފަދަ ފަރާތްތަކުގެ ސަބަބުން އިތުރު އެހެން ފަރާތްތަކަށްވެސް މިފަދަ ކަންކަން އިސްނަގައިގެން ކުރުމުގައި ހިތްވަރުދީ، ނުކުޅެދުންތެރިކަންހުރި ފަރާތްތަކަށް ކުރިއަރައިދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ކުރިއަށް އޮތް ތަނުގައިވެސް މިވުޒާރާއިން މަސައްކަތް ކުރަމުންގެންދާނީ އިތުރު މުއައްސަސާތަކާ ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއެކު މުޖުތަމަޢުގެ ހުރިހާ ކަމެއްގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށެވެ.

09 ޖޫން 2024

03 ޛުލްޙިއްޖާ 1445