ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ މަސައްކަތް ކުރުމަށް ޚާއްސަ އޮފީހެއް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނިޝާ ޝަހީދު ޒަކީ ހަމަޖައްސަވައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް (ޑިސްއެބިލިޓީ ކައުންސިލް)ގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ، އެކައުންސިލްއަށް ހާއްސަ އޮފީސްޖާގައެއް އެ މިނިސްޓްރީގައި މިއަދު ހަމަޖައްސަވާދެއްވާފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ކައުންސިލްއިން ކުރައްވާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާ، މިއަދު ހަމަޖައްސަވާދެއްވި އިންތިޒާމްގެ ސަބަބުން ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި މިނިސްޓްރީއާއި ކައުންސިލްއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އުފެދިފައިވަނީ “ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު” (2010/08) ގެ 4ވަނަ މާއްދާގެ (ހ) ގެ ދަށުން 2010 ވަނަ އަހަރުއެވެ. މި ކައުންސިލަކީ 7 މެމްބަރުންގެ މައްޗަށް އެކުލަވާލައިފައިވާ، އަދި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓްކުރާ ކައުންސިލެކެވެ. 2010 ވަނަ އަހަރު ކައުންސިލް ގާއިމްކުރެއްވުމާއި ގުޅިގެން، ކައުންސިލްގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދެމުންގެންދަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ އިންނެވެ.

 

25 ޖުލައި 2016

Leave a Reply

Your email address will not be published. Required fields are marked *