އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ “ޙާލު ކިހިނެއް؟” ޕްރޮގްރާމުގެ ތެރެއިން ފާހަގަކުރެވޭ ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނާއި މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާރ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު މަރިޔަމް ލަހުފާ ޚަލީލު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ވަނީ، “ޙާލު ކިހިނެއް؟” ޕްރޮގްރާމުގެ ތެރެއިން ފާހަގަކުރެވޭ ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް އިމިގްރޭޝަނަށް ރިޕޯޓުކުރެވޭނެ ފަސޭހަ ގޮތްތަކެއް ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފައެވެ.
އޭގެ އިތުރުން ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ވިސާ ދިނުމުގައި ދިމާވާ މައްސަލަތަކާއި، ވިސާ ދޫކުރުމުގައި އިމިގްރޭޝަނުން ގެންގުޅޭ އުސޫލުތަކާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ގޮތްތަކާއި ގުޅޭ މަޝްވަރާތައް ވެސް ވަނީ ކުރެވިގެން ގޮސްފައެވެ.
ހަމައެއާއެކު، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިމިގްރޭޝަން އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގުޅިގެން މަސައްކަތްކުރެވިދާނެ ކަންކަމާއި ގުޅޭ މަޝްވަރާތައް ވެސް ކުރެވިގެން ގޮސްފައިވެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ “ޙާލު ކިހިނެއް؟” ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލައި، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅެމުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އަދި މި ޕްރޮގްރާމުގެ ތެރެއިން ފާހަގަކުރެވޭ ރައްޔިތުންގެ ކަންބޮޑުވުން ހުންނަ މައްސަލަތައް ޙައްލުކުރުމަށް، މިނިސްޓްރީން ގެންދަނީ ކަމާ ގުޅުންހުރި އިދާރާތަކާއި އެކު މަޝްވަރާކޮށް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.