މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަސައްކަތްތައް

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ. މި މީނިސްޓްރީއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

  1. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުން ތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ޙިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުތައް ކަނޑައެޅުން.
  2. އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުން ތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ޙިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައި، ވިލަރެސްކުރުން.
  3. ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ސިޔާސަތުގެ ދަށުން ހުރިހައި ދާއިރާތަކެއްގައި ޢަމަލުކުރުމަށް ކަނޑައަޅާ ސިޔާސަތުތަކާއި، ގަވާއިދުތަކާއި، މަޝްރޫޢުތަކުގައި ޖެންޑަރގެ ނަޒަރަކުން ބެލިފައިވާ މިންވަރު މޮނިޓަރކޮށް، ހުރިހައި ދާއިރާތަކަކުން މި ސިޔާސަތު ދެމެހެއްޓުމަށް ބާރުއެޅުން.
  4. ސަރުކާރު ހިންގުމުގެ އެންމެހައި ޕްލޭންތައް ވިލަރެސްކުރުމުގައި ޖެންޑަރ މެއިންސްޓްރީމްކޮށް އަންހެނުންނާއި ފިރިހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީމީހުންނާއި، ދައުލަތުގެ ޙިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންގެ ހާލަތު ދެނެގަނެ ސިޔާސަތުތައް ބައްޓަންކުރުން.
  5. ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަޤާފީ ގޮތުން އަންހެނުން ކުރިއެރުވުމަށްޓަކައި އެމީހުންނަށް ހުރިހާ ރޮނގަކުން ފިރިހެނުންނާ އެއްހަމައެއްގައި ބައިވެރިވެ، ނަތީޖާ ހާސިލު ކުރެވޭނެ ގޮތަކަށް ދައުލަތުގެ ނިޒާމު ހަރުދަނާކޮށް ބައްޓަންކުރުމަށް ބާރުއެޅުން.
  6. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމުޢިއްޔާތަކުގެ ދައުރު ހަރުދަނާކުރުމަށްޓަކައި ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އިކުއަލިޓީގެ ޤާނޫނު)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން.
  7. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުން ތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ޙިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނާއި ޢާއިލާތަކާއި، ޢާންމުކޮށް ހުރިހާ ރައްޔިތުންނަށް ދޭންޖެހޭ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުން.
  8. އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށާއި، އެހީތެރިކަން ބޭނުންވާ ކުދިންނަށާއި، އެ ކުދިންގެ މައިންބަފައިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމު ޤާއިމުކޮށް، އެ ނިޒާމުގެ ތެރެއިން މިނިސްޓްރީން ކުރުމަށް ކަނޑައަޅާ ކަންކަން ވިލަރެސްކުރުން.
  9. އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުން ތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ޙިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމުގެ ޤައުމީ ނިޒާމުގެ ތެރެއިން މިނިސްޓްރީން ކުރުމަށް ކަނޑައަޅާ ކަންކަން ވިލަރެސްކުރުން.
  10. އެކިބާވަތުގެ ހާނިއްކަ (އެބިއުސް)އާއި އަނިޔާ ލިބިފައިވާ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުން ތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ޙިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޢަމަލުކުރާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ވިލަރެސްކުރުން.
  11. އެކިބާވަތުގެ ހާނިއްކަ (އެބިއުސް)އާއި އަނިޔާ ލިބިފައިވާ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުން ތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ޙިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  12. އަނިޔާގެ ޝިކާރައަކަށްވެގެން ދައުލަތުގެ އެހީތެރިކަމަށް ބޭނުންވާ އަންހެނުންނަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓް ދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އަސާސީ ކަންތައްތައް ފޯރުކޮށްދިނުން.
  13. ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ ބަލަހައްޓަންޖެހޭ މީހުންނާއި ކުދިން ބެލެހެއްޓުމަށް ބޭނުންވާ މަރުކަޒުތައް ޤާއިމުކުރުމާއި، އެ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، އެ މަރުކަޒުތަކުން ޚިދުމަތްފޯރުކޮށްދިނުމުގެ މިންގަނޑުތައް ކަނޑައެޅުން.
  14. ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ ބަލަހައްޓަންޖެހޭ މީހުންނާއި ކުދިން ބެލެހެއްޓުމަށް ޤާއިމުކުރާ މަރުކަޒުތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  15. ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ ބަލަހައްޓަންޖެހޭ މީހުންނާއި ކުދިންނަށް އަމިއްލަ ޖަމުޢިއްޔާތައް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، މި ކަންކަން ވިލަރެސްކުރުން.
  16. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފޮނުވާ މީހުންގެ އެސެސްމަންޓް ހެދުމާއި، މަރުކަޒުގައި ބައިތިއްބައިގެން  ބަލަހައްޓަންޖެހޭ މީހުން ބެލެހެއްޓުމާއި، އެމީހުންގެ ހާލަތު މޮނިޓަރކުރުން.
  17. ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ ބަލަހައްޓަންޖެހޭ ކުދިން، އެކަމަށް ކަނޑައަޅާފައިވާ މަރުކަޒުތަކުގައި ބައިތިއްބައިގެން ބެލެހެއްޓުމާއި، އެ ކުދިންނަށް ތަޢުލީމާއި، ތަމްރީނާއި ތަރުބިއްޔަތު ދިނުމާއި، އެކުދިންގެ ހާލަތު މޮނިޓަރކުރުން.
  18. ކުއްލި ނުރައްކާތަކާއި ކާރިސާތަކުގައި ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުން. މި ޚިދުމަތްދިނުމުގައި، އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުން ތެރިކަން ހުންނަ މީހުންނަށް އިސްކަންދެވޭނެ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުން.
  19. ވަކި ޖިންސެއްގެ މީހަކަށްވީތީ އެމީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ނުވަތަ އަނިޔާއެއް ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި، އެ ޙައްޤަކަށް އުނިކަން ލިބުނު ފަރާތަކަށް އިޖްތިމާޢީ އަދި ޤާނޫނީ ޚިދުމަތް އަދި ޙިމާޔަތް ލިބޭނެމަގު ފަހިކޮށްދިނުން.
  20. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުން ތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ޙިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނާއި، އެ ފަރާތްތަކުގެ ޢާއިލާތަކުގެ ޙައްޤުތަކާއި، އެޙައްޤުތައް ރައްކާތެރިކުރުމަށް ހުރަސްއެޅޭ އާ މައްސަލަތައް (އިމަރޖިން އިޝޫތައް) ދެނެގަނެ އެމައްސަލަތައް ޙައްލުކުރުމަށް، ކަމާބެހޭ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުން.
  21. އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނަށް ހުއްދަދިނުމާއި، ހުއްދަ ބާޠިލުކުރުމާއި، މިފަދަ ޚިދުމަތްތަކާއި، ޚިދުމަތްދޭ ތަންތަނާއި، އެތަންތަނުންދޭ ޚިދުމަތްތަކުގެ ފެންވަރާއި، ޚިދުމަތްދޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، މިފަދަ ޚިދުމަތްތަކުގެ އަގުތައް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުން.
  22. އަތޮޅާއި ރަށު ފެންވަރުގައި ޤާއިމުކޮށްފައިވާ ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމުޢިއްޔާތަކާ ގުޅިގެން އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  23. އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުން ތެރިކަން ހުންނަ މީހުންނާއި ދައުލަތުގެ ޙިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށާއި، ޢާއިލީ ގުޅުން ބަދަހިކުރުމަށާއި، ހެޔޮގޮތުގައި ކުދިން ތަރުބިއްޔަތުކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން އުފައްދައި، މިކަންކަމަށް މުޖްތަމަޢު ހޭލުންތެރިކުރުވުން.
  24. މިނިސްޓްރީގެ މަޤްޞަދުތައް ހާސިލުކުރުމަށް ބޭނުންވާ ޕްލޭންތައް އެކަށައެޅުމުގައި ޖެންޑަރ ރެސްޕޮންސިވް ޕްލޭނިންގ އާއި ބަޖެޓް ތައްޔާރުކޮށް، އެ ޕްލޭންތައް ތަންފީޒުވަމުންދާ މިންވަރުބަލައި، ނަތީޖާ ހާސިލުވާ މިންވަރު ދެނެގަތުން.
  25. މިނިސްޓްރީގެ މަސައްކަތު ދާއިރާއާ ގުޅޭ ތަފާސްހިސާބު އެއްކުރުމުގެ މިންގަނޑުތައް ކަނޑައަޅައި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަސީލަތްތައް ތަރައްޤީކޮށް، ޑޭޓާބޭސްތައް ޤާއިމުކޮށް، އެ ތަފާސްހިސާބުތައް ބަލަހައްޓައި، އެނަލައިޒްކޮށް މަޢުލޫމާތު ހާމަކުރުން.
  26. ހުރިހާ ދާއިރާއަކުން ތަފާސް ހިސާބު އެއްކުރުމުގައި އުމުރާއި، ޖެންޑަރ ޑިސްއެގްރިގޭޓަޑް އަދި އެނޫންވެސް އެހެނިހެން ޑިސްއެގްރިގޭޓަޑް ޑޭޓާ ނެގުމަށް ބާރުއެޅުން.
  27. މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، ދިރާސާތަކުގެ ފެންވަރާއި، އެތިކްސް ހިފެހެއްޓުމާއި، މި ދާއިރާގައި ދިރާސާކުރުމުގެ މާޙައުލެއް ކުރިއަރުވައި ދިރުވުން.
  28. އިޖުތިމާޢީ މަސައްކަތް ކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކޮށް ތަރައްޤީކުރުމަށްޓަކައި ވަކާލާތުކޮށް ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކާއެކު މަސައްކަތް ކުރުން.
  29. މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތައް ހަރުދަނާކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް، އެކި ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި އެހީދޭ ފަރާތްތަކާއި، ޤައުމީ ފެންވަރުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާ ގުޅުން ބަދަހިކޮށް، އެފަރާތްތަކުގެ ލަފައާއި އެހީ ހޯދުން.
  30. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުން ހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެފަދަ މުޢާހަދާތައް ތަންފީޒު ކުރަމުންދާ ގޮތާބެހޭ ގޮތުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި، އެ ރިޕޯޓްތައް އެކުލަވައިލުމުގެ މަރުޙަލާގައި އިޞްލާޙުކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންކަން ކަމާބެހޭ ދާއިރާތަކުގެ ސަމާލުކަމަށް ގެނައުން.
  31. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގައިވާ ގޮތުގެ މަތިން ކުޑަކުދިންގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލްގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން.
  32. .މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން

 

ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުންނެވެ.

  1. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ
  2. ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް
  3. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު
  4. ފިޔަވަތި
  5. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް
  6. އަމާން ހިޔާ
  7. އަމާން ވެށި