ސޭފް ހޯމްތައް

ސޭޕް ހޯމްތަކަކީ ގެވެށި އަނިޔާއާއި އެކިބާވަތުގެ އަނިޔާއާއި އިހުމާލުގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާއި ކުދިންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގައި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކުރެވިފައިވާ ތަންތަނެވެ.

ސޭފް ހޯމްތަކުގެ މައިގަނޑު މަސައްކަތްތަކަކީ، އަމާންހިޔާތަކަށް ނެގޭ އަންހެނުންނާއި ކުދިންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އިންސާނީ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނެ ފަދައިން ރައްކާތެރިކަން ފޯރުކޮށްދީ، ޢާންމު ހާލަތައް ރުޖޫޢަވުމައްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަގުފަހި ކޮށްދިނުމާއި، އަމާންހިޔާއަށް ނެގޭ އަންހެނުންނާއި ކުދިންގެ ތެރެއިން ސައިކޯ ސޯޝަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

މިގޮތުން މިވަގުތު ހަތަރު އަތޮޅެއްގައި ސޭފް ހޯމްތައް ވަނީ ގާއިމްކުރެވިފައެވެ. އެއީ ހ.ދ. ކުޅުދުއްފުށި، ގ.ދ. ތިނަދޫ، ށ. ފުނަދޫ އަދި ސ. ހިތަދޫ ގައެވެ. ސޭފް ހޯމްތަކަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގަމުންދާ މަރުކަޒުތަކެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ މަރުކަޒުތައް

ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުޑަކުދިންގެ މަރުކަޒުތަކެއް ވަނީ ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައެވެ. މިމަރުކަޒުތަކަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގަމުންދާ މަރުކަޒުތަކެކެވެ.

މި މަރުކަޒުތަކުގެ މައިގަނޑު މަޤްސަދަކީ އަޅާލާނެ ފަރާތެއް ނެތިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދްމަތްތައް ފޯރުކޮށްދީ އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމެވެ. އަދި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ޘަޤާފަތާއި އެއްގޮތްވާ ގޮތުގެމަތިން  އެކުދިން ތަރުބިއްޔަތުކުރުމެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ހިޔާވެހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެންމެ ފުރަތަމަ މަރުކަޒެއްގެ ގޮތުގައި ވިލިގިލީގައި ‘ކުޑަކުދިންގެ ހިޔާ’ ޤާއިމްކުރެވުނީ މެއި 2006ގައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންގެ އަދަދު އިތުރުވުމުގެ ސަބަބުން އިތުރު މަރުކަޒެއްގެ ގޮތުގައި ‘އަމާން ހިޔާ’ ކުޑަކުދިންގެ ހިޔާގެ އިމާރާތާއި ޖެހިގެން ވަނީ ޤާއިމްކުރެވިފައެވެ. މި ދެ މަރުކަޒުގެ އިތުރުން 13 އަހަރުން ދަށުގެ ކުދިންނަށް ޙާއްސަކޮށް ތިން ވަނަ މަރުކަޒެއްގެ ގޮތުގައި ‘ފިޔަވަތި’ ވަނީ ފެބްރުއަރީ 2016 ގައި ޤާއިމްކުރެވިފައެވެ. ކުޑަކުދިންގެ ހިޔާ އަދި އަމާން ހިޔާގައި ދިރިއުޅެނީ 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނެވެ.

 

އެހީތެރިވެދެވޭނެ ގޮތްތައް

މަރުކަޒުތަކުގައި ދިރިއުޅޭކުދިން ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވަމަށް އެކުދިންނަށް ބޭނުންވާ އަޅާލުމާއި އެއްބާރުލުން އެކުދިންނަށް ފޯރުކޮށްދިނުމަކީ މިނިސްޓްރީން އެއްމެ އިސްކަމެއްދޭ އެއްކަންތަކެވެ. އަދި މިނިސްޓްރީއާއި ގުޅިގެން އާއްމު ފަރާތްތަކުންނާއި އަދި އެކި ޖަމިއްޔާއާއި ޖަމާއަތްތަކުން ދައުލަތުގެ ބެލުމުގެދަށުގައިވާ މަރުކަޒުތަކުގައި ތިބޭ ކުދިންގެ ދިރިއުޅުން އުޖާލާކޮށްދިނުމަށް އަދި އެކުދިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުމަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަކީ މިނިސްޓްރީއިން އަބަދުވެސް ބަލައިގަންނާނެ ކަމެކެވެ. މިގޮތުން މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދެވޭނެ އެކިއެކި ގޮތްތައް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ޑޮނޭޝަނެއް ދިނުން، ސްޕޮންސަރޝިޕެއް ދިނުން އަދި ކުޑަކުދިންނަށްޓަކައި ހަރަކާތެއް ރޭވުން ހިމެނެއެވެ.

ޑޮނޭޝަން

ދައުލަތުގެ ބެލުގެދަށުގައިވާ މަރުކަޒުތަކަށް ޑޮނޭޝަން ދެއްވަން ބޭނުންވާ ފަރާތްތަކުން "ހަދިޔާ ދިނުމަށް އެދި ހުށަހަޅާ ފޯމް" ނުވަތަ "ފައިސާގެ އެހީ ދޭ ފޯމް" ފުރުއްވުމަށްފަހު institutions@gender.gov.mv އަށް އީމެއިލް ކުރައްވާ ނުވަތަ މިނިސްޓްރީއަށް ނުވަތަ މަރުކަޒުތަކަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8.00 އިން 2.00 އާ ދެމެދު ހަވާލުކުރެއްވިދާނެއެވެ. މަރުކަޒުތަކަށް އެވަގުތަކު ބޭނުންވާ ތަކެތީގެ ލިސްޓަކަށް މަރުކަޒުތަކުގައި އެދުމުން އެ ލިސްޓް ލިބޭނެއެވެ.

ސްޕޮންސަރޝިޕް

  • އިތުރު ކެއަރ ވޯކަރުން ސްޕޮންސަރކުރުމަށް

އެކި ސަބަބުތަކަށްޓަކައި އަޅާލާނެ ފަރާތެއް ނެތިގެން ދައުލަތުގެގެ ބެލުމުގެ ދަށަށް ނެގޭ ތުއްތުކުދިންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ތުއްތުކުދިންނަކީ އުމުރުފުރާގެގޮތުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަދި ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށްޓަކައި އެއްމެންގެ އެހީއާއި އަޅާލުން ބޭނުންވާ ކުދިންނެވެ. މިގޮތުން، މަރުކަޒުތަކަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން ތުއްތުކުދިން ބެލުމަށް އިތުރު ކެއަރ ވޯކަރެއްވެސް ސްޕޮންސަރކުރެވިދާނެއެވެ.

  • އިތުރު ޓީޗަރުން ސްޕޮންސަރކުރުމަށް

އެހެނިހެން ކުދިންނެކޭވެސް އެއްފަދައިން މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށްވެސް ތަޢުލީމީ ގޮތުން ކުރިއެރުމަށް އެކިއެކި ފުރުސަތުތައް މަގުފަހިކޮށްދިނުމަކީ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއްދޭކަމެވެ. މިގޮތުން މަރުކަޒުތަކުގައި ދިރިއުޅޭ ކުދިން ތަޢުލީމީގޮތުން ބާރުވެރިކުރުމަށްޓަކައި އެކުދިންނަށް ލިއަންކިއަން އުނގަންނައި ދިނުމަށާއި ސްކޫލް ފިލާވަޅު ހެދުމުގައި އެހީތެރިވެދިނުމަށް އަދި މަޢުލޫމާތު އިތުރަށް މުއްސަނދިކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ޓިއުޝަން އަދި ޤުރުއާން ޓީޗަރުން މަރުކަޒުތަކުގައި ހަރަކާތްތެރިވެއެވެ. މިގޮތުން، މަރުކަޒުތަކަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން އިތުރު ޓީޗަރެއް ސްޕޮންސަރކުރެވިދާނެއެވެ.

  • ކުދިންނަށް ޕްރޮގްރާމެއް ސްޕޮންސަރކުރުމަށް

އެހެނިހެން ކުދިންނެކޭވެސް އެއްފަދައިން މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންވެސް ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށް ބޭނުންވާ އެކިއެކި ފުރުސަތުތައް މަގުފަހިކޮށްދިނުމަކީ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއްދޭކަމެކެވެ. މިގޮތިން މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމުގެގޮތުން ކުޅިވަރު، އާޓް އަދި މިނޫނަސް އެހެން ރިކްރިއޭޝަނަލް ޕްރޮގްރާމެއް ސްޕޮންސަރކުރެވިދާނެއެވެ.

އިތުރު ކެއަރ ވޯކަރެއް، އިތުރު ޓީޗަރެއް ނުވަތަ ޕްރޮގްރާމެއް ސްޕޮންސަރކުރައްވަން ޝައުޤުވެރިވާ ފަރާތްތަކުން މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް  institutions@gender.gov.mvއަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ކުދިންނަށް ހަރަކާތެއް ރޭއްވުމަށް

މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ހަރަކާތެއް މަރުކަޒުގައި ނުވަތަ މަރުކަޒުން ބޭރުގައި ރާވާ ބޭއްވުމަށް އެދޭ ފަރާތްތަކުން "އިވެންޓްސް އެންޑް އެކްޓިވިޓީ ފޯމް" ފުރުއްވުމަށްފަހު institutions@gneder.gov.mv އަށް އީމެއިލް ކުރައްވާ ނުވަތަ މިނިސްޓްރީއަށް ނުވަތަ މަރުކަޒުތަކަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8.00 އިން 2.00 އާ ދެމެދު ހަވާލުކުރެއްވިދާނެއެވެ.

ފިޔަވަތީގެ މެންޑޭޓް އާއި އޮނިގަނޑު

ފިޔަވަތީގެ މަސައްކަތްތަކާއި މުވައްޒަފުން

ކުޑަކުދިންގެ ހިޔާގެ މެންޑޭޓް އާއި އޮނިގަނޑު

ކުޑަކުދިންގެހިޔާގެ މަސައްކަތްތަކާއި މުވައްޒަފުން

ގުޅުއްވުމަށް