އަމާން ހިޔާ

އަމާން ހިޔާތަކަކީ ގެވެށި އަނިޔާއާއި އެކިބާވަތުގެ އަނިޔާއާއި އިހުމާލުގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާއި ކުދިންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގައި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކުރެވިފައިވާ ސޭފް ހޯމްތަކެކެވެ.

އަމާން ހިޔާތަކަކީ މައިގަނޑު މަސައްކަތްތަކަކީ، މި މަރުކަޒުތަކަށް ނެގޭ އަންހެނުންނާއި ކުދިންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އިންސާނީ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނެ ފަދައިން ރައްކާތެރިކަން ފޯރުކޮށްދީ، ޢާންމު ހާލަތައް ރުޖޫޢަވުމައްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަގުފަހި ކޮށްދިނުމާއި، އަމާންހިޔާއަށް ނެގޭ އަންހެނުންނާއި ކުދިންގެ ތެރެއިން ސައިކޯ ސޯޝަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

މިގޮތުން މިވަގުތު ހަތަރު އަތޮޅެއްގައި ސޭފް ހޯމްތައް ވަނީ ގާއިމްކުރެވިފައެވެ. އެއީ ހ.ދ. ކުޅުދުއްފުށި، ގ.ދ. ތިނަދޫ، ށ. ފުނަދޫ އަދި ސ. ހިތަދޫ ގައެވެ. ސޭފް ހޯމްތަކަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގަމުންދާ މަރުކަޒުތަކެވެ.


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ މަރުކަޒުތައް

ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުޑަކުދިންގެ މަރުކަޒުތަކެއް ވަނީ ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައެވެ. މިމަރުކަޒުތަކަކީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓްގެ  ދަށުން ހިންގަމުންދާ މަރުކަޒުތަކެކެވެ.

މި މަރުކަޒުތަކުގެ މައިގަނޑު މަޤްސަދަކީ އަޅާލާނެ ފަރާތެއް ނެތިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދްމަތްތައް ފޯރުކޮށްދީ އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމެވެ. އަދި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ޘަޤާފަތާއި އެއްގޮތްވާ ގޮތުގެމަތިން  އެކުދިން ތަރުބިއްޔަތުކުރުމެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ހިޔާވެހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެންމެ ފުރަތަމަ މަރުކަޒެއްގެ ގޮތުގައި ވިލިގިލީގައި ‘ކުޑަކުދިންގެ ހިޔާ’ ޤާއިމްކުރެވުނީ މެއި 2006ގައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންގެ އަދަދު އިތުރުވުމުގެ ސަބަބުން އިތުރު މަރުކަޒެއްގެ ގޮތުގައި ‘އަމާން ހިޔާ’ ކުޑަކުދިންގެ ހިޔާގެ އިމާރާތާއި ޖެހިގެން ވަނީ ޤާއިމްކުރެވިފައެވެ. މި ދެ މަރުކަޒުގެ އިތުރުން 13 އަހަރުން ދަށުގެ ކުދިންނަށް ޙާއްސަކޮށް ތިން ވަނަ މަރުކަޒެއްގެ ގޮތުގައި ‘ފިޔަވަތި’ ވަނީ ފެބްރުއަރީ 2016 ގައި ޤާއިމްކުރެވިފައެވެ. މިމަރުކަޒުތަކުގައި ދިރިއުޅެނީ 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނެވެ.

އަމާންވެއްޓަކީ އެކި އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ޤާއިމްކުރަމުން އަންނަ މަރުކަޒުތަކެކެވެ.

ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް ޢާއިލީ މާޙައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައިވިޔަސް، ޙާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ކުދިންގެ ރައްކާތެރިކަން އާއިލާތެރެއިން ކަށަވަރު ނުވާ ޙާލަތްތަކުގައި ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގެއެވެ. އަދި މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، މުޖްތަމަޢުގައި ދިރިއުޅޭ އެހެން ކުދިންނެކޭ ވެސް އެއްފަދައިން މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު މިކުދިންނަށްވެސް ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުމަށް މިނިސްޓްރީ އިން އިސްކަމެއްދެއެވެ.

މިގޮތުން މިހާތަނަށް ހއ.ދިއްދޫ ، ށ.ފުނަދޫ، ނ.މަނަދޫ، ބ.އޭދަފުށި އަދި ޏ.ފުވައްމުލަކު ގައި މަރުކަޒުތައް ޤާއިމް ކޮށްފައިވެއެވެ.


ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ކ. ގުރައިދޫގައި ޤާއިމްކޮށްފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗް.ޕީ.އެސް.އެން)އަކީ މިނިސްޓްރީގެ މަސްޢޫލިއްޔަތުގެ ދަށުން، ދައުލަތުގެ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ މީހުން ބެލެހެއްޓުމަށްޓަކައި، 6 ޖޫން 1976 ގައި އުމުރުން ދުވަސްވީ މީހުންނާއި ނަފްސާނީ ބަލިމީހުން ބަލަހައްޓަމުންދާ މަރުކަޒެކެވެ. އެޗް.ޕީ.އެސް.އެން ގައި ބަލަހައްޓާ މީހުންގެ ތެރޭގައި، އުމުރުން ދުވަސްވުމުގެ ސަބަބުން އެނދުމަތިވެ ޢާއިލާގެ އަޅާޅުން ލިބިފައިނުވާ މީހުންނާއި، ޢާއިލާއިން ރައްކާތެރިކަން ނުލިބި އަޅާލާނެ ފަރާތެއް ނެތް މީހުންނާއި، ނަފްސާނީ ބަލީގެ ސަބަބުން ޢާއިލާތެރޭގައި ބަލަހައްޓަން އުނދަގޫ ފަރާތްތައް އަދި މަރުކަޒެއްގައި ބަހައްޓައިގެން އިތުރު ތެރަޕީ ނުވަތަ ފަރުވާ ދޭންޖެހޭ ފަރާތްތައްވެސް ހިމެނެއެވެ. އެޗް.ޕީ.އެސް.އެން ގައި މީހުން ބަލަހައްޓަމުން ގެންދަނީ ވަކިވަކި ކެޓަގަރީތަކަކަށް ބަހާލައިގެން ވަކި ވޯޑުތަކުގައި ބަލަހައްޓާ އުޞޫލުންނެވެ. މިގޮތުން ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެނދުމަތިވެފައިވާ ފަރާތްތަކާއި، އަމިއްލަށް އުޅެވޭ ފަރާތްތައް، އަންހެން ފިރިހެން ވަކިން އުޅެވޭވަގޮތަށް ވޯޑުތަކަށް ބަހާލާފައިވެއެވެ.