ތަޢާރަފު

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މަސައްކަތްކުރަނީ ރާއްޖޭގައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެފަރާތްތަކުގެ ޙައްޤުތައް ކުރިއެރުވުމަށެވެ. މިނިސްޓްރީގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ހިމެނެނީ؛ އަންހެނުންގެ ހައްޤުތައް އަދި އަންހެނުން ބާރުވެރިކުރުމާއި، ދެޖިންސްގެ ހަމަހަމަކަން ޤާއިމުކުރުމާއި، ކުޑަކުދިންގެ ޙައްޤުތައް އަދި އާއިލީ ދުޅަހެޔޮކަން އިތުރުކުރުމާއި، ދުވަސްވީ މީހުންގެ ޙައްޤުތައް އަދި އެމީހުންގެ ދުޅަހެޔޮކަން އިތުރުކުރުމާއި، ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް އަދި އެފަރާތްކުގެ ދުޅަހެޔޮކަން އިތުރުކުރުމާއި، އިޖްތިމާއީ ރައްކާތެރިކަމުގެ ހިދްމަތްތައް ފޯރުކޮށްދިނުމެވެ.

އަންހެނުންގެ ޙައްޤުތައް، އަންހެނުން ބާރުވެރިކުރުން އަދި ދެޖިންސުގެ ހަމަހަމަކަން

ދިވެހިރާއްޖޭގައި އަންހެނުންގެ ހައްޤުތައް ކުރިއެރުވުމާއި، އަންހެނުންގެ ހާލަތު ރަނގަޅުކޮށް ދުޅަހެޔޮކަން އިތުރުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރެއެވެ. މިގޮތުން ހާއްސަ ސަމާލުކަންދޭ ދާއިރާތަކުގެ ތެރޭގައި ޢިޖުތިމާޢީ، އިޤްތިޞާދީ އަދި އާންމު ދިރިއުޅުމުގައި އަންހެނުން ބާރުވެރިކުރުވުމާއި، ގެވެށި އަނިޔާއިން އަންހެނުން ރައްކާތެރިކުރުން ހިމެނެއެވެ. މީގެއިތުރުން ދެޖިންސުގެ ހަމަހަމަކަން ޤާއިމުކުރުމަށާއި ހުރިހާ ގޮތަކުންވެސް ތަފާތުކުރުންތައް ނައްތާލުމަށް ވެސް މިނިސްޓްރީން މަސައްކަތްކުރެއެވެ.

ކުޑަކުދިންގެ ޙައްޤުތައް އަދި އާއިލީ ދުޅަހެޔޮކަން

ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމާއި، އާއިލީ ދުޅަހެޔޮކަން އިތުރުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރެއެވެ. މިގޮތުން ހާއްސަ ސަމާލުކަންދޭ ދާއިރާތަކުގެ ތެރޭގައި އެކި ބާވަތުގެ އަނިޔާއިން ކުޑަކުދިން ރާއްކާތެރިކުރުމާއި ކުދިންނާއި ގުޅުންހުރި ކަންކަމުގައި ކުދިންގެ ހިޔާލާއި މަޝްވަރާ ހޯދުން ހިމެނެއެވެ. މީގެއިރުތުން އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުޑަކުދުންނާއި އާއިލާތައް ދެނެގަނެ، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮމިއުނިޓީ ޝޯޝަލް ގްރޫޕްތައް ގާއިމުކުރުމަށް ރަށު ފެންވަރުގައި ޙިދުމަތްފޯރުކޮށްދޭ ކަމާއިގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރެއެވެ.

އަހަން ކެމްޕެއިން

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން 2015 ވަނަ އަހަރު އިފްތިތާޙްކޮށްފައިވާ "އަހަން ކެމްޕެއިން" އަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކެމްޕެއިންއެކެވެ. މި ކެމްޕެއިންގެ މައިގަނަޑު މަޤްޞަދަކީ، އަނިޔާއާ ދެކޮޅަށް ކުޑަކުދިން ބާރުވެރިކުރުވުމާއި، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، މައްސަލަތައް ރިޕޯޓްކުރުމަށް ބާރު އެޅުމަށާއި، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އަހަން ކެމްޕެއިން މެދުވެރިކޮށް، ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި ޓީޗަރުންނަށް ވަރކްޝޮޕްތައް މިނިސްޓްރީން ހިންގައެވެ. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި އަހަން ކެމްޕެއިން މެދުވެރިކޮށް ހާސިލްކޮށްފައިވާ ކާމިޔާބީތަކުގެ ތަފްސީލް  އަހަން ރިޕޯޓް  2015 - 2018 އިން ލިބިވަޑައިގަންނަވާނެއެވެ.

ދުވަސްވީ މީހުންގެ ހައްގުތައް އަދި ދުޅަހެޔޮކަން

ދިވެހިރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމާއި، އެފަރާތްތަކުގެ ދުޅަހެޔޮކަން އިތުރުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރެއެވެ. މިގޮތުން ހާއްސަ ސަމާލުކަންދޭ ދާއިރާތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި، މިނިވަންކަމާއި، ބައިވެރިވުން އިތުރުކުރުމާއި، ސިއްޙަތާއި ދުޅަހެޔޮކަން އަދި ރިޓަޔަރމަންޓަށް ތައްޔާރުވުމަށް އެހީތެރިވުން ހިމެނެއެވެ.

ރަންވޭލާ ކެމްޕެއިން

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން 2016 ވަނަ އަހަރު އިފްތިތާޙްކޮށްފައިވާ "ރަންވޭލާ ކެމްޕެއިން" އަކީ އުމުރުން ދުވަސްވީ މީހުން ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި ޤައުމީ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކެމްޕެއިންއެކެވެ. މިކެމްޕެއިންގެ މަޤްޞަދަކީ މުޖުތަމައުއާއި ޢާއިލާގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނޭ ގޮތްތައް މަގުފަހި ކޮށްދިނުމާއި، އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމެވެ.

މިކެމްޕެއިން މެދުވެރިކޮށް ދޮށީ އުމުރުގެ މީހުންނަށް އަތޮޅާއި ރަށު ފެންވަރުގައި ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަޤްޞަދުގައި ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ތަމްރީން ޕްރޮގްރާމްތަކެއް މިނިސްޓްރީން ހިންގައެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ ހޭލުންތެރިކުރުމުގެ ސެޝަންތަކާއި ހެލްތް ސްކްރީނިންގ ޕްރޮގްރާމްތަކެއް ހިންގުމުގެ އިތުރުން އިސްރަށްވެހިންނާއި ޒުވާނުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ސެޝަންތައް ހިންގައެވެ.

ދޮށީއުމުރުމުގެ މީހުންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ރަންވޭލާ ކެމްޕެއިން މެދުވެރިކޮށް ހާސިލްކޮށްފައިވާ ކާމިޔާބީތަކުގެ ތަފްސީލް ރަންވޭލާ ރިޕޯޓް  2016 - 2018 އިން ލިބިވަޑައިގަންނަވާނެއެވެ.


ރަންވޭލާ ރިޕޯޓް 2016 - 2018

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް އަދި އެފަރާތްތަކުގެ ދުޅަހެޔޮކަން

ދިވެހިރާއްޖޭގައި  ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމާއި، އެފަރާތްތަކުގެ ދުޅަހެޔޮކަން އިތުރުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރެއެވެ. މިގޮތުން ހާއްސަ ސަމާލުކަންދޭ ދާއިރާތަކުގެ ތެރޭގައި ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަތުމާއި ހަމަހަމަކަން ޤާއިމްކުރުމާއި ތަފާތުކުރުންތައް ނައްތާލުމާއި، ހުރިހާ ކުދިން ޝަމިލުކޮށްގެން ކިޔަވާދިނުމާއި، ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެހީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެހީ ރާއްޖޭގައި ތައާރަފްކޮށްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/8) ގެދަށުން، އިޖްތިމާއީ ރައްކާތެރިކަމުގެ އެހީއެއްގެ ގޮތުގައެވެ. 

އެހީއަށް އެދޭނެ ގޮތް

ޝަރުތުހަމަވާ ފަރާތްތަކުން، ނުކުޅެދުންތެރިކަން ހުންނަ މީހުން އެހީތެރިކަމަށް އެދޭ ފޯމު ފުރުއްވައި، މި ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅުއްވަންޖެހޭނީ ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށެވެ. 

ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  1. ނުކުޅެދުންތެރިކަމާ ބެހޭގޮތުން ހަދާފައިވާ އެސެސްމަންޓް ނުވަތަ ލިބިފައިވާ ޑޮކްޓަރީ ލިޔުން
  2. ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިޔާ / ބަލަދުވެރިޔާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ނުވަތަ އެފަރާތުގެ ބެލެނިވެރިޔާ / ބަލަދުވެރިޔާގެ ބޭންކް އެކައުންޓް ތަފްސީލް އެނގޭނެފަދަ ލިޔުމެއް

ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެހީ އާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

ފޯން: 3005353
ފެކްސް: 3003535
އީމެއިލް: info@nspa.gov.mv
ވެބްސައިޓް: http://www.nspa.gov.mv

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް

އެސިސްޓިވް ޑިވައިސް

 

ވީލްޗެއަރ، ވޯކަރ، ކްރަޗަރސް އަދި ހިއަރިންގ އެއިޑްފަދަ އެސިސްޓިވް ޑިވައިސްއެއް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެފަދަ ތަކެތި ހޯދައިދިނުމަށް ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން އެހީވެދެއެވެ.

 

އެހީއަށް އެދޭނެ ގޮތް

ޝަރުތުހަމަވާ ފަރާތްތަކުން، ނުކުޅެދުންތެރިކަން ހުންނަ މީހުން އެސިސްޓިވް ޑިވައިސްތަކަށް އެދޭ ފޯމް ފުރުއްވައި، މި ފޯމާއިއެކު ހުށަހަޅަންޖެހޭ ތިރީގައިވާ ލިޔެކިޔުން ހުށަހަޅުއްވަންޖެހޭނީ ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށެވެ. 

 

·         ބޭނުންވާ އާލާތް ނުވަތަ މެޝިންގެ ބްރޭންޑާއި މޮޑެލް ނަންބަރު އެނގޭނެފަދަ ކޯޓޭޝަން

 

ސައިކޮލޮޖިކަލް އެސެސްމެންޓް

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސައިކޮލޮޖިކަލް އެސެސްމެންޓެއް ހަދަން އެހީތެރިކަން ބޭނުންވާނަމަ، މި ހިދުމަތް ހޯދުމަށް ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން އެހީވެދެއެވެ.

 

އެހީއަށް އެދޭނެ ގޮތް

ޝަރުތުހަމަވާ ފަރާތްތަކުން، ސައިކޮލޮޖިކަލް އެސެސްމެންޓް ހަދަން އެދޭ ފޯމް ފުރުއްވައި، މި ފޯމާއިއެކު ހުށަހަޅަންޖެހޭ ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅުއްވަންޖެހޭނީ ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށެވެ. 

 

ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

1.      އެހީއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންދައިދޭ ކާޑުގެ ކޮޕީ.

2.      އެހީ ލިބެންވާ ފަރާތް އަދި އެހީ ޖަމާ ކުރަންވީ އެކައުންޓްގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންދައިދޭ ކާޑުގެ ކޮޕީ.

3.      ފައިސާގެ އެހީއެއް ލިބިއްޖެނަމަ އެފައިސާ ޖަމާކުރާނެ ބޭންކު އެކައުންޓުގެ މައުލޫމާތު ސާފުކޮށް އެނގޭނެފަދަގޮތަކަށް ބޭންކުން ދޫކޮށްފައިވާ ލިޔުމެއް.

4.      އެހީ ބޭނުންވާ ފަރުވާއާއި ބެހޭގޮތުން ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑޮކްޓަރު ދެއްވާފައިވާ ލިޔުންތަކާއި ބޭސްސިޓީތަކާއި ހަދާފައިވާ ޓެސްޓުތަކުގެ ކޮޕީ

5.      ކުރިން އެހީއެއް ދީފައިވާނަމަ، ދެވިފައިވާ އެހީއާއި ގުޅުންހުރި ޑޮކްޓަރުގެ ލިޔުން (ބޭސްފަރުވާގެ ލިޔެކިޔުންތައް)

6.      ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ސްކީމަކުން އެހީއަކަށް މީގެކުރިން ހުށަހަޅާފައިވާނަމަ ހުށަހެޅި ފޯމާއި ދިން ޖަވާބުގެ ކޮޕީ.

7.      އެހީއަށް އެދޭފަރާތުގެ ހާލަތު ބަޔާންކޮށްދޭ ސިޓީއެއް (އިތުރު ތަފްސީލް ހުށަހަޅަން ބޭނުންވާނަމަ)

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ ހިދުމަތްތަކާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

 ފޯން: 3005353

ފެކްސް: 3003535

އީމެއިލް: info@nspa.gov.mv

ވެބްސައިޓް: http://www.nspa.gov.mv