ރޯގާ އާންމުވާ ހާލަތްތަކުގައި އުފެދޭ ހާސްކަން ކުޑަކުރުމަށް ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުވުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފި

ރާއްޖޭގައި ރޯގާ އާންމުވަމުންދާ މި ދަނޑިވަޅުގައި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްތިމާސްކޮށްފި އެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ މިފަދަ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ ބައެއް ކަންކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް އިރުޝާދުތަކެއް ދީފައެވެ.

އެގޮތުން ހާސްކަމާއި ނުތަނަވަސްކަން އިހުސާސްކުރެވޭނަމަ، އެހެން ފަރާތަކާ އިހުސާސްތައް ހިއްސާކުރުމާއި، އޯގާތެރިކަމާއެކު އެކަކު އަނެކަކަށް އަޅާލުމާއި، އެކަކު އަނެކަކުގެ ވާހަކަތައް އަޑުއެހުމާއި، މަޑުމައިތުރިކަމާއެކު މުޢާމަލާތުކުރުމަށް ވަނީ އިރުޝާދުދީފަ އެވެ.

މީގެ އިތުރުން، އެހެން މީހުންނާ ގުޅިގެން އުޅުމާއި، ކަންކަމުގައި މަޝްއޫލުވެ އުޅުމަށް މަސައްކަތްކުރުމަށާއި، އެއްވެސް ފަރާތެއް ބާކީވާކަމުގެ އިހުސާސް ވިޔަ ނުދިނުމަށް އިލްތިމާސްކޮށް އެ ވުޒާރާއިން ވަނީ ނަފްސާނީގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް (ޢާއިލާގެ ނުވަތަ ރައްޓެހިންނަށް) އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ ރޯގާ ނުވަތަ ބަލިތައް ފެތުރުން އާންމުވަމުންދާ ހާލަތްތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށް، ބަލި ފެތުރުން މަދުކުރުމަށްޓަކައި ޒަރޫރީ ހާލަތުގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށާއި، ހޮސްޕިޓަލަށް ދާ އެންމެން މާސްކު އެޅުމާއި، ހޮސްޕިޓަލުގައި އެއްވެ އުޅުމުން ދުރުހެލިވުމާއެކު، ބަލީގެ ނުވަތަ ރޯގާގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ފުލޫ ކްލިނިކަށް ޒިޔާރަތްކުރުމަށް އެ ވުޒާރާއިން އިރުޝާދު ދީފައިވެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ބުނާގޮތުގައި މިފަދަ ހާލަތްތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ، ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

01 ޖުލައި 2024

25 ޛުލްޙިއްޖާ 1445