ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހުނަރު ދަސްކޮށްދިނުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ހިލްޓަންގެ 3 ރިސޯޓާއިއެކު ފަހުމްނާމާގައި ސޮއިކުރުން

ޢާމްދަނީ ލިބޭނެ މަސައްކަތެއް ނުވަތަ ވަޒީފާގެ ފުރުޞަތަކީ އެންމެ ބޭނުންތެރި އަދި އެކަމަށް ވަރަށް ގިނަ ޢާއިލާތަކާ އަދި ވަކިވަކި ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް އެދެމުންދާ އެއްކަމެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް، އިޖުތިމާޢީ އެކި ދާއިރާތަކުން ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ މިފަދަ ފަރާތްތައް ޝާމިލުކުރުން އިތުރު ކުރުމުގެ މަޤުޞަދުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ހިލްޓަންގެ ދިވެހިރާއްޖޭގައި ހިންގާ 3 ރިސޯޓު ކަމުގައިވާ ވަލްޑަރފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި ހިލްޓަން މޯލްޑިވްސް ރިސޯޓްސް އެންޑް ސްޕާ އާއިއެކު  ފަހުމްނާމާ (މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް) އެއްގައި މިއަދު ވަނީ ސޮއި ކުރެވިފައެވެ.

މި ތާރީޚީ ފަހުމްނާމާ ވެގެންދާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އިތުރު ކުރުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެކަށެވެ. މި އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަގުހުރި ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް މިވަގުތު ބޭނުންވާ ތަފާތު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތުތަކާއި، މަސައްކަތުގެ މައިދާނަށް ނިކުތުމަށް ބޭނުންވާ ތަޖުރިބާ ލިބިގެންދާނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރުޞަތުތައް އިތުރުކޮށް، މިސިނާއަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލްކުރެވިގެންދާ ސިނާއަތަށް ވެގެންދިއުމަށް މަގުފަހިވެގެން ދާނެއެވެ.

މި ފަހުމްނާމާގައި ސޮއި ކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް އަދި ހިލްޓަން ރިސޯޓްސްގެ ވައިސް ޕްރެޒިޑެންޓް އެންޑް ރީޖަނަލް ހެޑް އޮފް ހިލްޓަން ސައުތު އީސްޓް އޭޝިއާ، އެލެކްޒެންޑްރާ މުރޭ އަދި ހިލްޓަންގެ ދިވެހިރާއްޖޭގައި ހިންގާ 3 ރިސޯޓުގެ ޖެނަރަލް މެނޭޖަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

3 މާރިޗު 2024

 22 ޝަޢުބާން 1445