ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން އެފަރާތްތަކުގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން އާންމުންނަށް ދައްކާލުމަށް ބާއްވާ ޚާއްސަ “ރިވެލި ކާނިވަލް”އާއި ގުޅޭ

މި ވުޒާރާއިން ދަނީ މުޖުތަމަޢުގެ އެންމެހައި ފަރާތްތަކަށް އިޖުތިމާޢީ އެކި ދާއިރާތަކުން ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ތަފާތު އެކި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ހައުސިންގް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާއި ގުޅިގެން 15 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހަވީރު، ‘ރިވެލި’ މި ބްރޭންޑްގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ފަންނުވެރިކަން އާންމުންނަށް ދައްކާލާ، އެފަރާތްތައް ބާރުވެރިކުރުމަށް ޚާއްސަ ކާނިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިހާތަނަށް ބޭއްވިފައިވާ ‘ރިވެލި’ ފެސްޓިވަލްތަކުގައި އިސްކަމެއް ދެވިފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި މަސައްކަތްތެރިކަން ދައްކާލުމަށެވެ. ނަމަވެސް، މިއަހަރުގެ ރިވެލި ކާނިވަލަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގައި ޝާމިލްކުރުމުގެ މަސައްކަތް ފުޅާކޮށް، ޢާއިލީ ވެއްޓެއްގައި އެކި މުނިފޫހިފިލިވުމުގެ ހަރަކާތްތައް ހިމެނޭހެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ފުރުޞަތުތަކާއި، އެފަރާތްތަކަށް ބޭނުންވާ އެކި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ ކާނިވަލެކެވެ.

މި ކާނިވާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި، ފެބްރުއަރީ މަހުގެ 15 އަދި 16ގައި ދެ ދަންފަޅިއަކަށް ބަހާލެވިގެންނެވެ. މިގޮތުން މި ކާނިވަލުގެ ހަރަކާތްތައް ހަވީރު 16:00-18:00 އަށް އަދި ރޭގަނޑުގެ 20:00-22:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިގޮތުން ގެންދެވޭ ހަރަކާތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްޓޭޖު ހަރަކާތްތަކާއި، މަސައްކަތްތެރިކަން ދައްކާލުމުގެ މަޢުރަޒާއި، އެކި ކުޅިވަރުތަކާއި، މަޢުލޫމާތު ޑެސްކްތަކުގެ ޒަރީޢާއިން ކަމާބެހޭ މަޢުލޫމާތު ދިނުން ހިމެނެއެވެ.

މި ކާނިވާ ބޭއްވުމުގެ މައިގަނޑު މަޤްޞަދުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިން ފާހަގަކޮށް، މި ހުނަރުވެރިކަމާއި، މަސައްކަތްތެރިކަން ދައްކާލުމަށް ލިބޭ ފުރުޞަތުތައް އިތުރަށް ފުޅާކޮށްދިނުމެވެ. އަދި މިފަދަ އިޖުތިމާޢީ ހަރަކާތެއްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމެވެ. މީގެއިތުރުން، މިކާނިވަލުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް އިޤުތިޞާދީ ގޮތުން ބާރުވެރިކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް، ރާއްޖޭގެ އެކި ކުންފުނިތަކުގައި އެފަދަ ފަރާތްތަކަށް ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެވިގެންދާނެއެވެ. ހަމަމިއާއެކު ސަރުކާރުގެ އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅުންހުރި މަޢުލޫމާތުތައް އެއްމާޙައުލަކުން ފޯރުކޮށްދިނުމަކީ މި ކާނިވަލުގެ މުހިންމު އެއް މަޤުޞަދެވެ.

މި ކާނިވަލުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާޢީ ހަރަކާތްތަކުގައި ޝާމިލްވެވޭ މިންވަރު އިތުރު ވެގެންދާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހުނަރު ދައްކާލުމަށް އިތުރު މަގެއް ލިބި، އެފަރާތްތަކުގެ މަސައްކަތްތެރިކަން މާކެޓުކުރުމަށް ހުޅުވާލެވޭ މި ފުރުޞަތުގެ ސަބަބުން އެފަރާތްތަކަށް އިޤްތިޞާދީގޮތުން ފުދުންތެރި ބަޔަކަށް ވުމަށް މަގުފަހި ވުމަކީވުމަކީވެސް މި ކާނިވާ އިންތިޒާމްކުރުމުގެ އެއް ބޭނުމެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް ކުރެވޭ މިފަދަ  މަސައްކަތްތަކުގެ ސަބަބުން ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ އެކި ފަރުދުންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާވެ، މިފަދަ ހަރަކާތްތައް ކުރިއަށް އޮތްތާނގައި ހިންގުމަށް އިތުރު ހިއްވަރެއް ލިބިގެންދެއެވެ.

ޢާއިލާތަކާއި އެކު އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މިކާނިވަލުގައި ވީހާވެސް ގިނަ ފަރާތްތަކުންވެސް ބައިވެރިވުމަކީ މި ވުޒާރާގެ ވަރަށް ބޮޑު އެދުމެކެވެ.

 

                  15 ފެބުރުވަރީ 2024

                  05 ޝަޢުބާން 1445