ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިވުޒާރާއާއި ޔޫ.އެން.އެފް.ޕީ.އޭ އާއި ގުޅިގެން “އައިމި” ގެ ނަމުގައި ކުރު ފިލްމެއް ގެނެސްދީފި.

ހުރިހާ ދާއިރާއަކުން އަންހެނުންނާއި އަންހެން ކުދިންގެ ހައްޤުތައް ކަށަވަރުކުރުމަކީ ތިޔާގި އިޤުތިޞާދެއް ކަށަވަރުކޮށްދީ، ދުޅަހެޔޮ މުސްތަޤުބަލެއް ހޯދުމަށް އޮތް ހަމައެކަނި މަގުކަން ދުވަހެއް ދުވަހަކަށް މިދަނީ ޔަޤީންވަމުންނެވެ. މިގޮތުން މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގައި “ކުރިއެރުމުގެ ދުވެލި ހަލުވިކުރުމަށް އަންހެނުންނަށްޓަކައި ވުނަކުރުން” މި ޝިޔާރުގެ ދަށުން، ހުރިހާ ރޮނގަކުންވެސް އަންހެން ކުދިންނާއި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ.

ކޮންމެ އަހަރަކުވެސް ފާހަގަކުރެވޭ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ  މައިގަނޑު މަޤްޞަދަކީ އަންހެނުންގެ އިޖުތިމާޢީ، އިޤުތިޞާދީ، ސަގާފީ، އަދި ސިޔާސީ ކާމިޔާބީތަކުގެ އަގުވަޒަންކޮށް އެކަންކަން ފާހަގަކުރުމެވެ. މީގެ އިތުރުން، މި ދުވަހަކީ އަންހެނުންގެ  އަޑު އަހާ އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނަގަނެ، މިންތީގެ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި 8 މާރިޗުވީ ހުކުރުދުވަހު، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔޫ.އެން.އެފް.ޕީ.އޭ އާއި ގުޅިގެން ވަނީ “އައިމި” ގެ ނަމުގައި ކުރު ފިލްމެއް އޮލިމްޕަސް ތިއޭޓަރުގައި ގެނެސްދީފައެވެ. އުމުރުން 17 އަހަރުގެ އައިމިގެ ވާހަކައިން ފެނިގެން ދިޔައީ ދިވެހި ޒުވާން ޖީލު އަދި ވަކިން ޚާއްސަކޮށް އަންހެންކުދިންގެ ދިރިއުޅުމުގައި ޢާއިލާއާއި މުޖުތަމަޢުގެ ފަރާތުން ކުރިމަތިވާ ތަފާތު އެކި ކަހަލަ ދަތިތަކާއި، އެދަތިތައް ކަޑައްތުކުރުމަށް ކުރެވޭ މަސައްކަތެވެ.  ކޮންމެ މީހަކީވެސް އަމިއްލަ ހުވަފެންތައް ދެކި އެ ހުވަފެންތައް ހަޤީގަތަކަށް ހެދުމުގު ފުރުޞަތު ލިބިފައިވާ މީހެއްކަން ކަށަވަރުކުރުމަށްޓަކައި އެންމެން ބައިވެރިވާ، އެންމެންނަށް ރައްކާތެރި، އެކަކު އަނެކަކަށް އިޙްތިރާމުކުރާ މުޖުތަމަޢެއްގެ މުހިއްމުކަން މި ކުރު ފިލްމުން ފެނިގެންދިޔައެވެ.

‘އައިމި’ މި ފިލްމުގެ މައިގަނޑު މަޤްސަދަކީ އަންހެން ކުދިންނާއި އަންހެނުންގެ ތަޖުރިބާތަކާއި، އެމީހުންގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކާ މަޝްވަރާކުރެވޭ މިންވަރު އިތުރުކުރުމެވެ. މިގޮތުން، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި، ސްކޫލު އަދި ކޮލެޖުތަކުގެ ދަރިވަރުންނާއި، އާންމު ރައްޔިތުން ބައިވެރިވި މިޝޯގައިވަނީ ބައިވެރިންނަށް ހުޅުވާލެވިގެން މަޝްވަރާއެއް ކުރިއަށް ގެންގޮސްފައިވެއެވެ. ފިލްމު ނިމުމުން، ފިލްމުގެ ތަރިން (ރަވީ އާއި ނަތާޝާ) އަދި ކްރޫ (މަދޮޝިޕް ޓީމުން ޕެނީ އަދި ޝާމިން) ހިމެނޭގޮތަށް އައިމިގެ ވާހަކައިން ފާހަގަވި މުހިއްމު މައުޟޫތަކަށް ވާހަކަ ދެކެވުނެވެ. މިގޮތުން، ރުހުން ނުވަތަ ކޮންސެންޓަށް އަލިއަޅުވާލައި، އެމީހެއްގެ ނުރުހުމުގައި ކަމެއް ވުމުން އެއާ ދެކޮޅަށް ތެދުވެ، އެކަމުން އަރައިގަތުމަށް މައިންބަފައިންނާއި ކައިރީގައި އުޅޭ މީހުންގެ ލޯތްބާއި އެއްބާރުލުމުގެ މުހިއްމުކަން ފާހަގަކުރެވުނެވެ. އުންމީދަކީ، މި ވާހަކަތަށް މިހިސާބުން ނިމުމަކަށް ނައިސް ތަފާތު އެކި މާޙައުލުތަކުގައި ތަފާތު އެކި ނަޒަރިއްޔާތަކުން މިކަންކަމާ ބަހުސް ކުރެވި އާންމުންގެ މަދުގައި ހޭލުންތެރިކަން އިތުރުވުމެވެ.

12 މާރިޗު 2024

2 ރަމަޟާން 1445