2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ ދައްކަވާ ވާހަކަފުޅު

ޙަމްދާއި ޝުކުރުކުރަނީ ޢާލަމްތަކުގެ ވެރި ﷲ ޞުބަޙާނަޙޫ ވަތަޢާލާއަށް. ޞަލަވާތާ ސަލާމް ލެއްވުން އެދި ދުޢާކުރަނީ މި އުންމަތަށް ކައުކުރެއްވި، ލޮބުވެތި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްއަށް. މި ޞަލަވާތާ ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙް،

ފަސްޓް ލޭޑީ ފަޒުނާ އަޙްމަދު،

ދައުލަތުގެ އިއްޒަތްތެރި ވަޒީރުން،

ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން،

ރެހެންދި އެވޯޑު ލިބިވަޑައިގަންނަވާ ޝަރަފުވެރިން،

 

އައްސަލާމްއަލައިކުން ވަރަޙްމަތުﷲ ވަބަރަކާތޫ

 

ރެހެންދި އެވޯޑު ދިނުމަށް މިރޭ މިބާއްވާ ރަސްމިއްޔާތުގެ މަޤްޞަދަކީ، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ވަޒަންކުރުން.

 

ރެހެންދި އެވޯޑަކީ، މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި، މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ އެވޯޑެއް.

 

މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙު އާއި ލޮބުވެތި ފަސްޓް ލޭޑީ ފަޒުނާ އަޙްމަދު ވަޑައިގެންދެއްވިކަމީ، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަދި ޤައުމީ ތަރައްޤީގައި އަންހެނުންގެ ދައުރު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިޔަތު ހާމަވެގެންދާ ކަމެއް.

އެހެންކަމުން، އަޅުގަޑުގެ އަމިއްލަ ނަމުގައި އަދި މިނިސްޓްރީގެ މުވައްޒަފުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އަދި ފަސްޓް ލޭޑީއަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

 

ރެހެންދި އެވޯޑް ހާޞިލުކުރައްވާ ފަރާތްތަކަކީ، ޤާބިލު، ހުނަރުވެރި، ހީވާގި، އަދި އެބަޔަކަށްޓަކައި މުޅި ގައުމުވެސް ފަޚްރުވެރިވާނެ ބައެއްކަމީ، ޝައްކެތް އޮތްކަމެއް ނޫން. އެހެންކަމުން، މިރޭގެ މިރަސްމިއްޔާތުގައި، ރެހެންދި އެވޯޑު ހާޞިލުކުރައްވާ ފަރާތްތަކަށް ތަހުނިޔާއާއި މުބާރިކުބާދީ ދަންނަވަން.

އަންހެނުން ބާރުވެރިކުރުވާ، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ، ހަމައެކަނި ޤާނޫނު އިސްލާޙުކޮށްގެން ކުރެވޭނެ ކަމެއް ނޫންކަމަށް، 2019 ވަނަ އަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ. އެކަން ކުރުމަށްޓަކާ ވަރުގަދަ އަޒުމެއް އޮންނަންޖެހޭނެ ކަމަށްވެސް ވަނީ ވިދާޅުވެފަ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަން ފައްޓަވާދެއްވާ، މިސާލުވެސް ދައްކަވާފަ. 

ސަރުކާރުގެ “ސްޓްރެޓީޖިކް އެކްޝަން ޕްލޭން” ގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް، ސިޔާސީ ދާއިރާ އާއި ކަންކަން ނިންމާ ފެންވަރުގައި އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ބައިވެރިވުން އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ވަނީ ފައްޓަވާފަ.  

ޝަރުޢީ ދާއިރާއާއި ޚާރިޖީ ޚިދުމަތުގައި، ޚާއްޞަކޮށް ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންގެ ގޮތުގައި އަންހެން ބޭފުޅުން ކަނޑައަޅުއްވައި ޖެންޑަރ ޕެރިޓީވަނީ ޤާއިމުކޮށްދެއްވާފަ. ރާއްޖެއިން ބޭރުގައި ޤާއިމުކޮށްފައި ހުރި 16 މިޝަންގެ ތެރެއިން 8 މިޝަން ލީޑްކޮށް ދެއްވަނީ އަންހެން ބޭފުޅުން. މިއީ ދިވެހި ތާރީޚުގައި ޚާރިޖީ ޚިދުމަތުގައި އަންހެނުންގެ ބައިވެރިވުމަށް ގެނެވުނު އިންޤިލާބީ ބަދަލެއް.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް އިންތިހާބުކުރާ މެންބަރުންގެ ތެއްތިރީސް ޕަސަންޓް ގޮނޑި އަންހެނުންނަށް ޚާއްޞަކޮށް، ނިމިދިޔަ ކައުންސިލުތަކުގެ އިންތިހާބުގައި މިކަންވަނީ ތަންފީޒުކޮށް ދެއްވާފަ.

މިއީ ދިވެހި ތާރީޚުގައި، ކަންކަން ނިންމާ ފެންވަރުގައި، އަންހެނުންގެ ދައުރު އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މިކަމުގެ ސަބަބުން އެމީހަކު ދިރިއުޅޭ މުޖުތަމަޢެއްގެ ކަންކަން އިދާރީ ގޮތުން ރާވާ ހިންގުމުގައި، އަންހެން ކައުންސިލަރުންގެ އަމަލީ ބައިވެރިވުން ލިބޭނެކަން ކަށަވަރުވެގެންދާތަން، މިހާރުވެސް ފެންނަން ފަށައިފި.

 

 

މިސިޔާސަތުތަކަށް އިޖާބަ ދެއްވާ، ސަރުކާރުގެ އޮފީސްތަކުންނާއި، ކުންފުނިތަކުން އަންހެނުންގެ ބައިވެރިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރައްވަން ފައްޓަވައިފި.

މިގޮތުން އަންހެނުން އާންމުކޮށް، ކޮށްނޫޅޭ މަސައްކަތްތަކުގައި އަންހެނުން އިތުރުކުރުމަށް ހިތްވަރު ލިބޭ ގޮތަށް އެފަރާތްތަކުގެ ސިޔާސަތުތައް ބައްޓަންކުރަމުންދާކަމީ، އަޅުގަޑު އުފަލާއެކު ފާހަގަކޮށްލަން ބޭނުންވާ ކަމެއް.

މިގޮތުން އެމް.އެން.ޑީ.އެފް އާއި މޯލްޑިވްސް ކަސްޓަމްސް  ސަރވިސްގެ ނަން ފާހަގަކޮށްލަން.

އިސްވެ މިދެންނެވި ކަންކަމަކީ، ޖެންޑަރ އީކުއަލިޓީ ޤާނޫނުން ލާޒިމުކުރާ ކަންކަން.

މިންތީގެ ހަމަހަމަކަމަކީ، އަންހެނުންނާއި ފިރިހެނުންނަށް ފުރުޞަތުތައް ލިބުމުގެ ހަމަހަމަކަމަށާއި، ފުރުޞަތުތަކަށް ވާޞިލުވުމުގައި ހަމަހަމަކަމަށާއި، އެފުރުޞަތުތަކުން ނަތީޖާ ޙާޞިލުކުރުމުގެ ހަމަހަމަކަމަށާއި، ޙައްޤުތަކާއި މިނިވަންކަމުގެ ފުރިހަމަ މަންފާ ހޯދޭފަދަ މަޢުނަވީ ހަމަހަމަކަން.

މިގޮތުން މި ހަމަހަމަ ކަން ގެނައުމަށް އަޅުގަޑުމެންގެ މިނިސްޓްރީން މިހާރު ކުރަމުންގެންދާ އެއް މަސައްކަތަކީ، ޤާނޫނު ތަންފީޒުކުރުމަށް ނިންމަން ހުރި ސިޔާސަތުތައް ކަނޑައެޅުމަށްފަހު، ގަވައިދުތައް އެކުލަވާލާ، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުން.

މިގަވާއިދު ތަކުގެ ސަބަބުން، ލާމަރުކަޒީ އުސޫލުން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކައުންސިލުތަކަށް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބާރުތަކެއް ލިބި ގެންދާނެ. އެމަސައްކަތްކުރުމަށްޓަކައި ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބޭނުންވާ ތައުލީމާއި ތަމްރީނު އަދި ޤާބިލުކަން ހޯދައިދިނުމަށް މަސައްކަތްކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން.

ޖެންޑަރ އީކުއަލިޓީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުވުމުން، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަހަމަކަމާއި، އަދި ރާއްޖެ ބައިވެރިވާ މުޢާޙަދާތަކާއި، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސްގައި ހުރި ލަނޑުދަނޑިތައް ޙާސިލު ކުރެވޭނެ. މިންތީގެ ފަރަޤުތައް ކުޑަކުރެވިގެންދާނެ. ހަމަހަމަ ފުރުޞަތުތައް ހުޅުވިގެންދާނެ.

މިކަންކަން ކުރެވޭނީ ހުރިހާ ދާއިރާއަކުންވެސް ފުރުޞަތުތައް ފަހިކޮށްދީގެން. ވިސްނުން ބަދަލުކޮށްގެން. ވިސްނުމުގެ ނަޒަރިއްޔާތު ބަދަލުކޮށްގެން. ގިރާކުރަން ހުރި ގޮންޖެހުންތައް ދެނެގަނެގެން. ގޭތެރެއިން ފެށިގެން، ތައުލީމީ ވެށީގެ ތެރެއިން. އަދި މުޖުތަމަޢުގެ ތެރޭގައި ހުރި ހުރަސްތައް ނައްތާލައިގެން. ޚާއްޞަކޮށް، އަންހެނަކަށް ވީތީ ކުރާ އަނިޔާ ހުއްޓިގެން. އަންނަން އޮތް ޖީލު ތަރުބިއްޔަތު ކުރުމުގައި މިކަން ކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން.

އެންމެ ތުއްތު އިރުން ފެށިގެން އެކުއްޖެއްގެ ހުރި ހުނަރު ދެނެގަނެ، އެކުއްޖަކު ޝައުޤުވެރިވާ ދާއިރާއަކުން ކުރިއެރުމަށް މަގު ފަހިކޮށްދީގެން. އެކަކު އަނެކަކަށް އިޙްތިރާމުކުރާ ވެއްޓެއްގައި، ގަދަރުވެރިކަމާ، ޝަރަފާއިއެކު އުޅުމަށް ފުރުޞަތު ލިބިދީގެން.

އަޅުގަޑު އުއްމީދުކުރަނީ މި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް، މުޅި މުޖުތަމަޢު ގުޅިގެން، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް، ކާމިޔާބު ކަމާ އެކު ކުރެވިގެން ދާނެ ކަމަށް.

އަޅުގަޑުގެ ވާހަކަ ކޮޅު ނިންމާލުމުގެ ކުރިން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ފަސްޓް ލޭޑީ، އަޅުގަޑުގެ ދައުވަތު ޤަބޫލުކުރައްވާ ވަޑައިގެންދެއްވި ބޭފުޅުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިރޭ ރެހެންދި އެވޯޑު ހާޞިލުކުރެއްވި ޝަރަފުވެރިންނަށް އަދިވެސް އެއް ފަހަރު މަރުހަބާ ދަންނަވަން. މިރަސްމިއްޔާތު ފުރިހަމަ ކުރުމަށް، އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށްވެސް ނިހާޔަތަށް ޝުކުރު ދަންނަވަން.

އަޅުގަޑުގެ ދުޢާއަކީ މިންތީގެ ހަމަހަމަކަން ޤާއިމުކުރަން އަޅުގަޑުމެން އެންމެން މިކުރާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލެއްވުން.

 

އާމީން!

 

ވައްސަލާމްއަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު!

Leave a Reply

Your email address will not be published. Required fields are marked *