ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރާއިގެ އޮނިގަނޑަށް ގެނެވުނު ބަދަލުގެ ސަބަބުން މިމިނިސްޓްރީގެ ސޯޝަލް ވޯކަރުން ނުވަތަ އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރަ ކުޑަވެ މުވައްޒަފުންގެ މެދުގައި އެކަމާމެދު ކަންބޮޑުވުންތައް ހުރިކަމަށްބުނެ ބައެއް މީޑިއާތަކުގައި އޮޅުންއަރާގޮތަށް ޚަބަރު ފަތުރަމުން ދިއުމާއި ގުޅޭ

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރާއިގެ އޮނިގަނޑަށް ގެނެވުނު ބަދަލުގެ ސަބަބުން މިމިނިސްޓްރީގެ ސޯޝަލް ވޯކަރުން ނުވަތަ އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރަ ކުޑަވެ މުވައްޒަފުންގެ މެދުގައި އެކަމާމެދު ކަންބޮޑުވުންތައް ހުރިކަމަށްބުނެ ބައެއް މީޑިއާތަކުގައި އޮޅުންއަރާގޮތަށް ޚަބަރު ފަތުރަމުންދާތީ ދަންނަވަމަވެ.

އިޖްތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމަކީ އިޖްތިމާޢީ ތަފާތު މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް އެހީތެރިކަމާއި ލަފާ ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މުވައްޒަފުން ހިމެނޭ ފަންނީ ޚިދުމަތެކެވެ. އިޖްތިމާޢީ ޚިދުމަތްތެރިން ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސް މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަދި އެކިބާވަތުގެ ޢާއިލީ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަކުގެ ޚައްޤުތައް ކުރިއެރުވުމާއި، ރައްކާތެރިކުރުމުގައި އިސްދައުރެއް އަދާ ކުރާ ފަރާތްތަކެކެވެ.

ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން އިޖްތިމާޢީ ޚިދުމަތްދިނުމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އުޖޫރައާމެދު ޒާމާނުއްސުރެ އޮތް ކަންބޮނޑުވުމަށް ހައްލު ގެނެސްދިނުމަށްޓަކައި އިޖްތިމާޢީ ޚިދުމަތްތެރިންގެ ޕްރޮފެޝަނަލް އޮނިގަނޑެއް އެކުވަލާއި 01 މެއި 2023 ވަނަ ދުވަހު މިސަރުކާރުން ވަނީ އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރައަށް ހެޔޮބަދަލުތަކެއް ގެނެސްދެއްވާފައެވެ. މިބަދަލާއިއެކު، އިޖްތިމާޢީ ޚިދުމަތަކީ ޕްރޮފެޝަނަލް މިންގަނޑުން ގިންތި ކުރެވޭ ފަންނީ ދާއިރާއެއްގެ ގޮތުގައި ބަލައިގަނެ ކަނޑައެޅިގެން ދިއައެވެ.

އިޖްތިމާޢީ ޚިދުމަތްތެރިންނަށް މީގެ ކުރިން އިތުރު ގަޑީގެ ފައިސާއާއިއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 15,000 ރުފިޔާއެވެ. އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރަ ގާތްގަނޑަކަށް 67% ކުރިއެރުމެއް ގެނެސް، އިތުރު ގަޑީގެ ފައިސާއާއި ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ ގޮތަށް ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން، މިމިނިސްޓްރީގައި އިޖްތިމާޢީ ޚިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރެވި އައު އޮނިގަނޑަށް ހިޖުރަކުރުމާއިއެކު މިދާއިރާގައި މަސައްކަތްކުރަމުންދާ 137 މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް ގެނެސްދެވުނެވެ. އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރައަށް މިގެނެވުނު ހެޔޮ ބަދަލާއެކު ސިވިލް ސަރވިސް ކޮމިޝަންގެ ޖީ.އެސް ރޭންކް 4 ގައި މަސައްކަތްކުރާ 33 މުވައްޒަފުންވަނީ ޕަބްލިކް ސަރވިސް ރޭންކް 4 އަށް ހިޖްރަކުރެވިފައެވެ. ޕަބްލިކް ސަރވިސް ރޭންކް 4 ގައިވާ މުވައްޒަފުންގެ ތެރެއިން މިހާރު މިދާއިރާއިން މަތީތަޢުލީމް ހާސިލްކޮށްފައިވާ 10 މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ލިބިގެންދާނެއެވެ. އަދި މިރޭންކުގައި ބާކީތިބި 23 މުވައްޒަފުންނަށް ދާއިރާގެ ސަނަދެއް ހާސިލް ކުރުމުން ޕޭ ހާމަނައިޒްކުރެވި އައު އޮނިގަނޑަށް ފެތިގެންދާނެއެވެ.

މިގެނެވުނު ބަދަލާއިއެކު އިޖްތިމާޢީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދި ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިދާއިރާއިން ކުރިއަށް ދިއުމަށާއި، ދާއިރާގައި ދެމިތިބުމަށާއި ދާއިރާއިން ކުރިމަގެއް ބިނާކުރުމަށް ވަނީ ފަހި ފުރުސަތުތަކެއް ހުޅުވިފައެވެ.

05 ރަބީޢުލްއައްވަލް  1445

20  ސެޕްޓެމްބަރ  2023