ޖުލައި 2017 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ޖުލައި 2017 ގައި ޖުމްލަ 260 މައްސަލައެއް ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 126 މައްސަލަ ޖުލައި މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ޖުލައި 2017 ގައި ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ 48 އިންސައްތައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ ހާނީއްކައިގެ މައްސަލަތަކެވެ. މިގޮތުން މިބާވަތުގެ ޖުމްލަ 44 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
  • މިބާވަތުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށްކުރާ ޖިންސީ ހާނީއްކައިގެ 31 މައްސަލަ؛ އިހުމާލުވުމުގެ 25 މައްސަލަ؛ ނަފްސާނީ ހާނީއްކައިގެ 11 މައްސަލަ؛ އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 6 މައްސަލަ؛ އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 6 މައްސަލަ، އެހެން ކުދިންގެ ފަރާތުން ސައިބަރ-ބުލީކުރުމުގެ 1 މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުމުގެ 1 މައްސަލަ ހިމެނެއެވެ.

ކުށް ކުރާ ކުޑަކުދިން

  • އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 11 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ 3 މައްސަލަ އާއި ވައްކަންކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންގެ އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤީ މައްސަލަތަކުގެ 18 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 7 މައްސަލަ؛ އެހެން ކުދިންނަށް އިންޓަނެޓް މެދުވެރިކޮށް ގަނާކުރުމުގެ 6 މައްސަލަ؛ ސްކޫލަށް ދާން ބޭނުން ނުވުމުގެ 3 މައްސަލަ އަދި ފުރައްސާރަ ކުރުމުގެ 2 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމްކުރުން  

  • ޙައްޤުތަކުން ކުޑަކުދިން މަޙްރޫމްކުރުމުގެ ޖުމްލަ 8 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ 2 މައްސަލަ؛ އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 1 މައްސަލަ؛ ވެކްސިން ނުދިނުމުގެ 1 މައްސަލަ؛ ޞިއްޙީ ފަރުވާއަށް ހުރަސްއެޅުން ނުވަތަ ނުދިނުމުގެ 1 މައްސަލަ އަދި ތަޢުލީމަށް ހުރަސް އެޅުމުގެ 3 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 37 މައްސަލަ މިދިޔަ މަހު ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ. މިއީ، ޖުލައި 2017 ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ޖުމްލަ 14 އިންސައްތައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މިގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 10 މައްސަލައާއި ނަފްސާނީ އަނިޔާކުރުމުގެ 10 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.
  • މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ޖިންސީ އަނިޔާގެ 6 މައްސަލަ؛ ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 6 މައްސަލަ؛ އިހުމާލުވުމުގެ 2 މައްސަލަ؛ ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 1 މައްސަލަ؛ ފާރަލުމުގެ 1 މައްސަލައިގެ އިތުރުން ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން

  • މިފަދަ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހެޅިފައިވާ 11 މައްސަލައެއް ހިމެނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 9 މައްސަލައެއް ހުށަހެޅިފައިވެއެވެ.

އަމިއްލަ ނަފްސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ޖުމްލަ 9 މައްސަލައެއް ޖުލައިމަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

28 އޮގަސްޓު 2017

06 ޛުލްޙިއްޖާ 1438

Leave a Reply

Your email address will not be published. Required fields are marked *