ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމަންޓް އެސިސްޓެންސް ފްރޭމްވަރކްގައި ހިމެނޭ ކަންކަން ހާސިލުކުރުމުގެ ގޮތުން 2017 އިން 2018 އަށް އެކަށައެޅި “ޖޮއިންޓް ވަރކްޕްލޭން” ގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔުނައިޓެޑް ނޭޝަންސްގެ ފަރާތުން މިއަދު ސޮއިކޮށްފި

ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމަންޓް އެސިސްޓެންސް ފްރޭމްވަރކް (އުންޑާފް) ގައި ހިމެނޭ ކަންކަން ހާސިލުކުރުމުގެ ގޮތުން 2017 ން 2018 އަށް އެކަށައެޅި “ޖޮއިންޓް ވަރކްޕްލޭން” ގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި އ.ދ އިން މިއަދު ސޮއިކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ވަރކްޕްލޭން ގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ އެވެ. އަދި އ.ދ ގެ ފަރާތުން ސޮއިކުރެއްވީ އ.ދ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ރެސިޑެންޓް ކޯޑިނޭޓަރ މިސް ޝޯކޯ ނޯޑާ އެވެ.

މައިގަނޑު ހަތަރު ފިޔަވައްސަކަށް އަމާޒުކޮށްގެން އ.ދ އިން އެކުލަވާލާފައިވާ މި ވަރކްޕްލޭންގެ ދެވަނަ ފިޔަވަހީގެ އަމާޒަކީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރުމެވެ. މިގޮތުން މި ފިޔަވަހީގެ މައިގަނޑު އަމާޒަކީ މިންތީގެ ހަމަހަމަކަން އުފައްދައި، އިޖުތިމާޢީ، އިޤުތިޞާދީ އަދި ސިޔާސީ މައިދާނުގައި ފިރިހެނުންނެކޭ އެއްހަމަ ފުރުޞަތުތަކެއް ހޯދުމަށް އަންހެނުން ބާރުވެރި ކުރުމެވެ.

އުންޑާފްގެ ދަށުން އެކުލަވައިލެވުނު މި ޕްލޭނަކީ، ދެ ޖިންސުގެ މީހުންނާއި ކުދިން ދުޅަހެޔޮ ދިރިއުޅުމެއްގައި އުޅެ، އެމީހުންގެ ކުރިމަގާމެދު އަމިއްލައަށް ގޮތް ކަނޑައެޅުމުގެ އިޚުތިޔާރު ލިބިދީފައިވާ ބަޔަކަށް ހެދުމަށްޓަކައި ދިވެހި ސަރުކާރާއި އ.ދ ގުޅިގެން ނަތީޖާ ހާސިލުކުރުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރުމަށްޓަކައި އެކުވައިލެވިފައިވާ ޖޮއިންޓް ވަރކްޕްލޭނެކެވެ.

އުންޑާފްގެ ޕާޓްނަރޝިޕްގެ ދަށުން ދިވެހި ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް ގުޅިގެން ތަންފީޛުކުރެވޭ މި ވަރކްޕްލޭން ފަރުމާކުރެވިފައިވަނީ ދިވެހި ސަރުކާރުގެ ޤައުމީ ސިޔާސަތުތަކާއި، ދިވެހިރާއްޖޭން ބައިވެރިވެފައިވާ މުޢާހަދާތަކުން ލާޒިމުކުރާ ކަންތައްތައް ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކުރެވި، އެކަންކަން ހާސިލުކުރެވޭގޮތަށް ދިވެހިރާއްޖެއަށް އަމާޒުކޮށްގެން އަދި ވަކިން ޚާއްޞަ ގޮތެއްގައި، ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރެވޭގޮތަށެވެ.

އުންޑާފްގެ ދަށުން އެކުލަވާލި މި ވަރކްޕްލޭންގެ ސަބަބުން، ނަތީޖާ ހާސިލުކުރުމަށްޓަކައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކާއި، އެ މަސައްކަތްތައްކުރުމަށް ލިބެންހުރި ވަސީލަތްތަކުގެ މަޢުލޫމާތު ދިވެހިރާއްޖޭގައި މަސައްކަތްކުރާ ކަމާގުޅުންހުރި މުއައްސަސާތަކާއި، ޔުނައިޓެޑް ނޭޝަންސްގެ އިދާރާތަކަށް ލިބިގެންދާނެއެވެ.

މިރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ވެރިންނާއި، ރާއްޖޭގައި ޔުނައިޓެޑް ނޭޝަންސް ތަމްސީލުކުރައްވާ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް އެސިސްޓެންޓް ފްރޭމްވަރކް 2016 – 2020، މި ވެބްސައިޓުން http://www.un.org.mv ފެނިވަޑައިގަންނަވާނެއެވެ.

08 ޛުލްޙިއްޖާ 1438

30 އޮގަސްޓު 2017

Leave a Reply

Your email address will not be published. Required fields are marked *