މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ހިންގި ބޭސިކް ސައިން ލެންގުއެޖް ކޯސް ނިންމާލުން

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އިސްނަގައިގެން މިނިސްޓްރީގައި މަސައްކަތްކުރާ ސޯޝަލް ސަރވިސް ވާރކަރުންނަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވި ބޭސިކް ސައިން ލެންގުއެޖް ޓްރެއިނިންގ ކޯސް މިއަދު ވަނީ ނިންމާލާފައެވެ. މިކޯހުގެ މައިގަނޑު އަމާޒަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާ ކުރުމާއި އިހުމާލުވުމުގެ މައްސަލަތަކުގައި އަޑުއިވުމުން މަޙްރޫމްވެފައިވާ ކުޑަކުދިންނާއި މީހުންނަށް ފަސޭހައިން މުޢާމަލާތްކުރަން  ދަސްކޮށްދީ، އެފަރާތްތަކަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެން ހަރުދަނާކުރުމެވެ. 

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާރޗް މަހުގެ ނިޔަލަށް، ތިން ބެޗަކަށް ބަހާލައިގެން، ކުރިއަށް ގެންދިޔަ މިޓްރެއިނިންގ ކޯހުގައި މިނިސްޓްރީގެ 54 މުވައްޒަފުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ 20 އިންވެސްޓިގޭޝަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލެ އާއި އަތޮޅުތަކުން ވަޒީފާ ދެއްވާފައިވާ ދަޢުލަތުގެ ކުންފުނިތަކުގެ ކަމާބެހޭ މުވައްޒަފުންވެސް ވަނީ މިކޯހުގައި ބައިވެރިވެފައެވެ.

މިޓްރެއިނިންގ ކޯސް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާކުރުމާއި އެފަރާތްތަކާމެދު އިހުމާލުވުމާ ގުޅޭ ގިނަ އަދަދެއްގެ މައްސަލަތައް ކޮންމެ މަހަކުވެސް މިނިސްޓްރީއަށް ހުށަހެޅޭކަން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވަނީ ފާހަގަކުރައްވާފައެވެ. އަދި، މިޓްރެއިނިންގ ކޯސް މެދުވެރިކޮށް ބައިވެރިންނަށް ލިބުނު ފަންނީ ޤާބިލްކަމުގެ ސަބަބުން މިފަދަ މައްސަލަތައް ތަހުޤީޤުކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އިންޓަރވެންޝަންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މި ދާއިރާތަކުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.  މީގެ އިތުރުން، މި ކޯސް ހިންގުމަށާއި، ރާއްޖޭގެ އިޖްތިމާޢީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް ޔުނިސެފްއިން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.

18 އޭޕްރިލް 2017

Leave a Reply

Your email address will not be published. Required fields are marked *