އަނިޔާ ލިބޭ އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ކޮންމެ މަރުޙަލާއެއްގައި ވެސް ލިބެން ޖެހޭ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވެއްޖެ

އަނިޔާ ލިބޭ އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ކޮންމެ މަރުޙަލާއެއްގައި ވެސް ލިބެން ޖެހޭ ކަމަށާއި، މި ފަދަ ޙައްސާސީ މައްސަލަތަކުގައި ކަމާ ބެހޭ މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ކޮންމެ އަހަރަކު ވެސް ނޮވެންބަރު 25ން ޑިސެންބަރު 10ށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ “16 ޑޭސް އޮފް އެކްޓިވިޒަމް”ގެ ހަރަކާތްތައް އިފްތިތާހުކުރުމުގެ ގޮތުން މިއަދު މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވިދާޅުވީ އަނިޔާ ލިބޭ ފަރާތްތަކަށް ޢާއިލާގެ ތެރެއިންނާއި، ރައްޓެހިންގެ ފަރާތުންނާއި މުޅި މުޖުތަމަޢުގެ ތެރެއިން އެހީތެރިކަން ލިބެން ޖެހޭ ކަމަށެވެ. އަދި މި އަހަރުގެ އދ.ގެ ޝިޢާރުކަމުގައިވާ “ހިއަރމީޓޫ: އެންޑް ވަޔަލަންސް އަގެއިންސްޓް ވިމެން އެންޑް ގަރލްސް” ބޭނުމަކީ ވެސް އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާއި، އެ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މި ބާވަތުގެ އަނިޔާ ހުއްޓުވުމަށް ބާރުއަޅައި، ކަމާ ގުޅޭ ސިޔާސަތުތައް ތަންފީޛުކުރާ ފަރާތްތަކުގެ މެދުގައި ޑައިލޮގެއް އުފެއްދުން ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި އަންހެނުނަށާއި އަންހެންކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މިނިސްޓްރީއަށް ރިޕޯޓުކުރާ މިންވަރު އިތުރުވަމުންދާ ކަން ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތަކަށް އެކަނި ބަލައިލިކަމުގައި ވިޔަސް، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 29 މައްސަލަ މިނިސްޓްރީއަށް ހުށަހެޅިފައިވާކަމަށާއި، މީގެ ތެރެއިން 25 މައްސަލައަކީ އަންހެނުންނާ ގުޅުން ހުރި މައްސަލަތައް ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. އެހެންކަމުން އަންހެނުންނަށް ކުރާ އަނިޔާއަކީ މިމުޖުތަމަޢުގައި ނުހިނގާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ޤަބޫލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

މިއަހަރުގެ “16 ޑޭސް އޮފް އެކްޓިވިޒަމް” ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީގެ ފަރާތުން ދަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެ ގޮތުން، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ސޯޝަލް މީޑިއާ ކެމްޕޭނެއް ހިންގުމުގެ އިތުރުން، ވިލިމާލޭގެ ޒުވާނުންނަށް އަމާޒު ކޮށްގެން އަންހެނުންނާއި އަންހެން ކުދިންނަށް އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި މި ކެމްޕޭން ނިންމާ ދުވަހުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

17 ރަބީޢުލްއައްވަލް 1440

25  ނޮވެންބަރު  2018

Leave a Reply

Your email address will not be published. Required fields are marked *