އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހިންގާ 16 ދުވަހުގެ ހަރަކާތްތައް އިފުތިތާހުކުރުން

بســم اللّـه الرّحمـن الرّحيــم

އިންސާނީ ޙައްޤާއި ކަރާމާތް މަތިކުރެއްވި މާތްﷲ ސުބުހާނަހޫ ވަތައާލާގެ ހަޞްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. އަންހެނުންގެ ޙައްޤުތަކަށް ކަމޭ ހިތުމުގެ ރިވެތި މިސާލު ދެއްކެވި މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ސަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެ ކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ! ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު މަހުގެ 25ން ފެށިގެން ޑިސެންބަރު މަހުގެ 10އަކީ “ސިކްސްޓީން ޑޭޒް އޮފް އެކްޓިވިޒަމް”ގެ ނަމުގައި، އަންހެނުންނާ މެދު ކުރެވޭ އަނިޔާއާއި ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް އަޑުއުފުލައި، އިންސާފު ހޯދައި ދިނުމުގެ މަސައްކަތަށް ބާރުއެޅުމުގެ ގޮތުން ފާހަގަކުރަމުން އަންނަ 16 ދުވަސް. މިއީ ބައިނަލްއަޤްވާމީ ގޮތުން މުޅި ދުނިޔޭގައިވެސް ފާހަގަކުރާ ދުވަސްތަކެއް ކަމުގައިވާތީ، ދިވެހިރާއްޖޭގައިވެސް މި ދުވަސް ކުލަ ގަދަ ގޮތެއްގައި ފާހަގަކުރުމަކީ މިނިސްޓްރީން އަބަދުވެސް ވަރަށް އިސްކަންދޭކަމެއް. އެގޮތުން، މި ދުވަސްތައް ފާހަގަކުރާއިރު، މިނިސްޓްރީއާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި، އަދި ވަކިން ޚާއްޞަކޮށް އަމިއްލަ ވަކިވަކި ފަރުދުން މި ޕްރޮގްރާމްގައި ބައިވެރިވާކަމީ އެކަމާ އަޅުގަނޑު ވަރަށް ބޮޑަށް އުފާވާކަމެއް ކަމުގައި ދަންނަވަން.

އާދެ! މި އަހަރު އަޅުގަނޑުމެން ފާހަގަ މިކުރާ “ސިކްސްޓީން ޑޭޒް އޮފް އެކްޓިވިޒަމް”އަށް އ.ދ އިން ކަނޑައަޅާފައިވާ ޝިއާރަކީ “ހިއަރމީޓޫ: އެންޑް ވަޔަލަންސް އަގެއިންސްޓް ވިމެން އެންޑް ގަރލްސް”. މި ޝިޢާރު ކަނޑައެޅުމުގެ ބޭނުމަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާއި، އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން، ބައިނަލްއަޤުވާމީ ފެންވަރެއްގައި އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ތަފާތު ހަރަކާތްތައް ހިންގުން. އަދި ހަމަ މިއާއެކު، ކަމާ ގުޅޭ ސިޔާސަތުތައް ތަންފީޛުކުރާ ފަރާތްތަކުގެ މެދުގައި ޑައިލޮގެއް އުފައްދައި، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހަރަކާތްތެރިވާން ފުރުޞަތު ތަކެއް ހޯދައިދީ، އެ ކަމަށް މަގުފަހިކޮށްދިނުން.

އާދެ! މިފަދަ ދުވަސްތައް އަޅުގަނޑުމެން ފާހަގަކުރާ އެންމެ ބޮޑު އެއް ބޭނުމަކީ މީހުން ހޭލުންތެރިކުރުވުން. އެގޮތުން، މިދުވަހަށް ކަނޑައަޅާފައިވާ ޝިޢާރުގެ އެންމެ ބޮޑަށް ފާހަގަކޮށްފައި އެވާ “ހިއަރމީޓޫ” ނުވަތަ އަހަރެންގެ ވާހަކަ ވެސް އަޑުއަހާށޭ ބުނަން ޖެހޭ ވަރަށް ގިނަ ސަބަބުތަކެއް ވާކަން އަޅުގަނޑު ޤަބޫލުކުރަން. އެހެނީ، އަޅުގަނޑުގެ ވާހަކަވެސް އަޑު އަހާށޭ މީހެއްގެ ގާތުގައި މި އެދެނީ، ތިމާއަށް ބޮޑެތި ކަންތައްތަކެއް ދިމާވެފައި ހުރުމުގެ ސަބަބުން ތިމާއަށް އެކަނި އެކަމުން އަރައި ގަންނަން ދަތިވާތީ. ޚާއްޞަ ގޮތެއްގައި އަނިޔާއެއްގެ ވޭން ތަޙައްމަލް ކުރަމުންދާ ފަރާތަކުން، އެހެން މީހެއްގެ ގާތުން މި ދެންނެވި ފަދައިން، “އަހަރެންގެ ވާހަކަވެސް އަޑު އަހާށޭ” ބުނަންޖެހެނީ އޭނާއަށް އެކުރިމަތިވަމުންދާ ވޭނުން އޭނާ ސަލާމަތްކޮށްދިނުމަށް އެހީތެރިވެދިނުމުގެ ޢުއްމީދުގައި.

އެހެންކަމުން، އަނިޔާގެ ޝިކާރައަކަށްވާ ފަރާތަށް އެހީތެރިވުމުގެ ގޮތުން، އެފަރާތަށް ދޭންޖެހޭ ރައްކާތެރިކަމާއި އަޅާލުން ދިނުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޢާންމުވާންޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. ނަމަވެސް ހިތާމައަކީ، ވަރަށް ގިނަ ފަހަރު އަނިޔާގެ ޝިކާރައަކަށް ވާ ފަރާތް ބަދުނާމުކުރުމަކީ ނުވަތަ “ވިކްޓިމް ބްލޭމް” ކުރުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތަކުރާރުކޮށް ފެންނަމުންދާކަން. އަނިޔާއާ ކުރިމަތިވީ އޭނާގެ ޢަމަލުތައް ހުރި ގޮތުން ކަމަށް ބުނުމާއި، ނުވަތަ ހެދުން އަޅާ މިންގަނޑުގެ ސަބަބުން ކަމަށާއި، ނުވަތަ ހިނގާބިނގާވެ އުޅޭ ގޮތުގެ ސަބަބުން ކަމަށް ދެކޭ ގިނަ ބައެއް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިއަދުވެސް އެބަ އުޅޭ. މިއީ ކަމުގެ މަޢުލޫމާތު ފުރިހަމައަށް ލިބިފައި ނެތުމުގެ ސަބަބުން ދިމާވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އަނިޔާ ހުއްޓުވުމަށް އަނިޔާގެ ވާހަކަ ދައްކަންޖެހޭ. އަނިޔާ ހުއްޓުވޭނީ ހަމަ ޔަޤީނުންވެސް އެ އަނިޔާއަކީ އަނިޔާއެއް ކަމަށް ތިމާއަށްވެސް އަނެކާއަށްވެސް ޤަބޫލުކުރެވިގެން. އެހެންކަމުން، އަނިޔާގެ ޝިކާރައަށްވެފައިވާ ފަރާތްތަކުން އެ އަނިޔާގެ ވާހަކަ ދެއްކުމުން، އެމީހާގެ ވާހަކަ އަޑުއަހާ އޭނާ އެކަމުން ސަލާމަތްކުރުމަށް އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ދިނުމަކީ މިއަދު އަޅުގަނޑުމެން ކުރަންޖެހިފައިވާ އޮތް ކަމެއް.

އާދެ! އަންހެނުނަށް ކުރާ އަނިޔާއާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. މިދިޔަ އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލައެއް މިނިސްޓްރީއަށް ވަނީ ހުށަހެޅިފައި. އެހެންކަމުން، އަނިޔާގެ މައްސަލަތައް މަދުކުރުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި އެންމެހާ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން މަސައްކަތްކުރުމަކީ ވަރަށްވެސް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އަނިޔާވެރިކަމާއި ދެކޮޅު ހަދާ، އަދި އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އަޅާލުން ދޭ ފަރާތްތަކަށް ވުމަކީ، އަނިޔާގެ ތަހައްމަލް ކުރަމުންދާ ފަރާތްތަކުން އެ އަނިޔާއިން މިންޖުވުމަށްޓަކައި އެފަރާތްތަކަށް ފޯރުކޮށްދެވޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައިވެސް އަޅުގަނޑު ޤަބޫލުކުރަން. އެހެންކަމުން، އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގެ އެންމެހާ ފަރާތްތަކުން މިކަންކަމާމެދު ފުންކޮށް ވިސްނާ، މިކަންކަމާއިމެދު އެކަށީގެންވާގޮތެއްގައި މަސައްކަތްކުރުމަށް އަޅުގަނޑު މިއަދު ގޮވާލަން.

އަޅުގަނޑުގެ އުންމީދަކީ މި މުޖުތަމަޢަކީ އަންހެން ކުދިންނަށާއި އަންހެނުންނަށް ރައްކައުތެރި މުޖުތަމަޢުއަކަށް ވެގެން ދިޔުން. އަދި އަނިޔާ ލިބޭ ފަރާތްތަކުގެ އަޑުއަހާ، ތުހުމަތުކުރެވޭ ފަރާތްތަކަށް ޙައްޤު އަދަބު ލިބިގެން ދިއުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ﷲ ބަރަކާތް ލައްވައި، އެންމެންނަށް ރައްކައުތެރި މުޖުތަމައުއެއް ކަމުގައި މި ދިވެހި މުޖުތަމައު ވެގެން ދިޔުން.

އާމީން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.

25 ނޮވެންބަރު 2018

Leave a Reply

Your email address will not be published. Required fields are marked *