ކުޑަކުދިންގެ ހިޔާގެ 59 ކުދިން ލީޑަރޝިޕް ކޭމްޕް ފުރިހަމަކޮށްފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 10 އަހަރާ 18 އަހަރާ ދެމެދުގެ 59 ކުދިން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އިންތިޒާމްކޮށްގެން ހިންގާ “ވީކްއެންޑް ވިތު އެމް.އެން.ޑީ.އެފް” ލީޑަރޝިޕް ކޭމްޕްގައި ބައިވެރިވެއްޖެއެވެ.

ގިރިފުށި ޓްރެއިނިންގ ސެންޓަރގައި މިދިޔަ ހަފްތާ ބަންދުގެތެރޭގައި ހިންގި މިޕްރޮގްރާމް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދް ޒަކީ އާއި އެމް.އެން.ޑީ.އެފްގެ އޮފިޝަލުންނާއި މިނިސްޓްރީ އަދި ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މި ކޭމްޕްގެ ހަރަކާތްތައް މެދުވެރިކޮށް ތަފާތު ދާއިރާތަކުން ކުދިންގެ ހުނަރުތައް އިތުރަށް ތަރައްޤީވެގެން ދިޔަކަމަށާއި މި ކޭމްޕްއިން ދަސްވި ހުނަރުތައް އެންމެ ރަނގަޅުގޮތުގައި ބޭނުންކުރާނެކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ. އަދި، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ޤާބިލުކަން އިތުރުކުރުމަށް މިނިސްޓްރީން ކުރާ ތަފާތު މަސައްކަތްތަކުގައި އެމް.އެން.ޑީ.އެފް އިން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރުދެންނެވިއެވެ.

2 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި ތަފާތު ކުޅިވަރާއި ހަރަކާތްތައް މެދުވެރިކޮށް ކުދިންނަށް ލީޑަރޝިޕް، ޓީމް ވޯރކް އަދި ލައިފް ސްކިލްސް ދަސްކޮށްދިނުމުގެ އިތުރުން އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި، އެހެން މީހުންނަށް އިޙްތިރާމްކުރުމާއި، ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކެރިގެން ކުރިމަތިލައި، ޒިންމާދާރު ކުދިބަޔަކަށްވުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައިވެއެވެ.

17 ޛުލްޤައިދާ 1438

09 އޮގަސްޓް 2017

Leave a Reply

Your email address will not be published. Required fields are marked *