ނ.މާޅެންދޫގައި ކުއްޖަކު އަމިއްލައަށް މަރުވިކަމަށް ބުނެ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލައާ ގުޅޭ ނޫސް ބަޔާން

ނ. މާޅެންދޫގައި 11 އަހަރުގެ ފިރިހެން ކުއްޖަކު އަމިއްލައަށް މަރުވެފައިވާކަމަށް ބުނެ މިއަދު 14:15ގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ވަނީ މައްސަލައެއް ރިޕޯޓްކޮށްފައެވެ. މި ހިތާމަވެރި ހާދިސާއަށް ނިސްބަތްވާ ކުއްޖާގެ އެއްވެސް މައްސަލައެއް މީގެ ކުރިން މިމިނިސްޓްރީގެ ދަށުން ނ. އަތޮޅުގައި ޤާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރ (އެފް. ސީ. އެސް. ސީ) އަށް އަދި މި މިނިސްޓްރީއަށްވެސް ހުށަހަޅާފައެއް ނުވެއެވެ.

މިއަދު މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ނ. އަތޮޅު އެފް. ސީ. އެސް. ސީ.ގެ އަދި މިނިސްޓްރީގެ ސޯޝަލް ސަރވިސް ވަރކަރުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއެކު ނ. މާޅެންދޫއަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ. އާއިލާގެ ޙާލަތު ދެނެގަތުމަށާއި، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ސާފުކުރުމަށްޓަކައި، މި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ދިވެހި ފުލުހުންނަށް ދޭނެކަމުގެ ޔަޤީންކަން، މި ފުރުސަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވަމެވެ.

މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ހާއްސަ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުއްޖެއްގެ މައްސަލައެއް އިނގޭނަމަ ލަސްނުކޮށް ކަމާބެހޭފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މިނިސްޓްރީއިން އިލްތިމާސްކުރަމެވެ.

16 ޛުލްޤައިދާ 1438

08 އޮގަސްޓް 2017

Leave a Reply

Your email address will not be published. Required fields are marked *