ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކުރިއެރުމަށާއި ލާބައަށް މަސައްކަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަކުރެވޭ ފަރާތްތަކަށް ހިތްވަރު ދިނުމިގެގޮތުން 2016ވަނަ އަހަރުގެ ޑިސްއެބިލިޓީ އެވޯޑް ދިނުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކުރިއެރުމަށާއި ލާބަޔަށް މަސައްކަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަކުރެވޭ ފަރާތްތަކަށް ހިތްވަރު ދިނުމުގެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން 2016 ވަނަ އަހަރުގެ ޑިސްއެބިލިޓީ އެވޯޑް ދިނުމުގެ ޚާއްސަ ހަފްލާއެއް މިއަދު ވަނީ ބާއްވާފައެވެ. ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިއަދު ހެނދުނު ބޭއްވި މިޙަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ. މީގެ އިތުރުން، މި ޙަފްލާގައި ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ވުޒާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި، 2016 ވަނަ އަހަރުގެ ޑިސްއެބިލިޓީ އެވޯޑް ޙާސިލްކުރައްވާފައިވާ 15 ބޭފުޅުންނަށް އެވޯޑް ދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްފާޟިލް ޢަބްދުﷲ ޖިހާދެވެ. މިއަހަރުގެ އެވޯޑް ޙާސިލްކުރެއްވީ:

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ފަރާތްތަކުގެ ދާއިރާ

  • އަލްޙާފިޡް ޢަބްދުއް ރަޝީދު މުޙައްމަދު، ވަވަތި / ށ.ފޭދޫ
  • އަޙުމަދު ނަޖީބް، ފީރޯޒްގެ / ގއ.ވިލިގިނލި
  • ދީނާ ލަތީފް، ނާރެސް / ގދ. ފަރެސްމާތޮޑާ
  • މުޙައްމަދު ޢައްވާމް، އާސާމް / ސ.މީދޫ
  • ނަޒީހާ ޢަބުދުއްސައްތާރު ދިލްބަހާރުގެ / ހދ.ކުރިނބި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމު ފޯރުކޮށްދޭ ދާއިރާ

  • ޙާފިޒް އަޙުމަދު ސުކޫލް، ޏ.ފުވައްމުލައް
  • ޖަމާލުއްދީން ސުކޫލް، މާލެ

ފަރުދީގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ

  • މަރްޔަމް ޝަޠުރަތު ޝާކިރު، ދުންތަރި / ގދ.ތިނަދޫ
  • ޒިޙްނަތު ޙަސަން، ޓައިމާގެ / ސ.ހިތަދޫ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކުގެ ދާއިރާ

  • ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން

ފަންނީގޮތުން ނުކުޅެދުންތެރިކަމަށް މަސައްކަތްކުރާ ފަރާތްތަކުގެ ދާއިރާ

  • އިފްހާމް ޙުސައިން، މ.ޖަވާހިރުވާދީ / ކ.މާލެ
  • ފާޠިމަތު ޒަމީލް، މއ.މާވެޔޮވިލާ / ކ.މާލެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީގޮތުންނާއި، ތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާ

  • އަލިފުޅު ތުއްތު ފައުންޑޭޝަން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ދާއިރާ

  • މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ(

ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން ޚަބަރުފަތުރާ ވަސީލަތްތަކުން ކޮށްދޭ ޚިދުމަތުގެ ދާއިރާ
 ވީ.އެފް.އެމް 99

މިޙަފްލާ ފެއްޓުމުގެ ގޮތުން ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙާލަތު ދައްކުވައިދޭފަދަ ވީޑިއޯ ރިޕޯޓަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްޓޭޖް އައިޓަމެއް ވަނީ ހުށަހަޅާފައެވެ.

މިޙަފްލާގައި ވާހަކަފުޅުދައްކަވަމުން، މި އެވޯޑް ޙާސިލްކުރެއްވި ބޭފުޅުންނަށް މަރުޙަބާ ދަންނަވައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެފަރާތުގެ ޢާއިލާގެ އާއި މުޖްތަމަޢުގެ އަޅާލުމާއި އެހީތެރިކަން ބޭނުންވާކަމާއި، މުޖްތަމަޢުގައި ހަވާސާކުރެވިފައިވާ ބައެއްގެ ގޮތުގައި ނުހެދުމަށް ކުރައްވާ މަސައްކަތުގައި ހުރިހާ ބޭފުޅުންވެސް ބައިވެރިވެވަޑައިގަތުން މުހިއްމުކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދް ޒަކީ ވިދާޅުވިއެވެ.

ޑިސްއެބިލިޓީ އެވޯޑް 2016 އަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް އިން ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭ ޚާއްސަ އެވޯޑެކެވެ.

25 ސެޕްޓެމްބަރ 2016

Leave a Reply

Your email address will not be published. Required fields are marked *