ރާއްޖޭގެ 19 އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތައް ވިއުގައަކުން ގުޅާލައިފި

ރާއްޖޭގެ 19 އަތޮޅުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި އެ ސެންޓަރުތަކާ ދެމެދު ވިއުގައެއް ޤާއިމްކޮށް، އެ ވިއުގަ މެދުވެރިކޮށް ހުރިހާ ސެންޓަރުތައް މިނިސްޓްރީއާ ގުޅާލެވޭނެ އިންތިޒާމް މިއަދު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ހަމަޖައްސައިފިއެވެ.

މި ވިއުގަ މެދުވެރިކޮށް، ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުން ދެމުންދާ ހިދުމަތްތައް ހަރުދަނާ ކުރުމުގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި މިމަހު ގާއިމުކޮށްފައިވާ މޯލްޑިވްސް ޗައިލްޑް ޕްރެޓެކްޝަން ޑޭޓާބޭސް (އެމް.ސީ.ޕީ.ޑީ)، ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، ސަރުކާރުގެ އޮފީސްތަކުގައި ބޭނުންކުރަމުންދާ އީ-ގަވަމަންޓްގެ ހިދުމަތްތައް މި ވިއުގަ މެދުވެރިކޮށް ހުރިހާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކަށް ލިބިގެންދާނެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކަކީ މިނިސްޓްރީ އިން ދެމުންގެންދާ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ދިނުމަށްޓަކައި ރާއްޖޭގެ 19 އަތޮޅުގައި ޤާއިމުކޮށްފައިވާ ސެންޓަރުތަކެކެވެ. މި ސެންޓަރުތަކުގެ މެދުގައި މިއަދު ޤާއިމްކޮށްފައިވާ ވިއުގަ އަކީ، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، ޒެނީޝާ ޝަހީދު ޒަކީގެ އިސްނެންގެވުމުގެ ދަށުން، ސެންޓަރުތަކުގެ ޚިދުމަތްތައް ހަރުދަނާކޮށް މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ފަށާފައިވާ މަސައްކަތެކެވެ. މިގޮތުން، ހުރިހާ ސެންޓަރުތަކެއްގައި ބޭނުންކުރާނެ ކޮމްޕިއުޓަރ ސިސްޓަމްތައް ވެސް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން މިމަހުގެ ތެރޭގައި ހޯދައި، އެ ތަކެތި ވަނީ ސެންޓަރުތަކަށް ފޯރުކޮށްދީފައެވެ.

                                  29 ސެޕްޓެމްބަރު 2016

Leave a Reply

Your email address will not be published. Required fields are marked *