87 ދާއިރާގެ ތެރެއިން އަންހެނުންނަށް އެންމެ ހަތަރު ގޮނޑި ލިބިގެން ދިޔުމަކީ ހިތާމައެއް – މިނިސްޓަރ ޝިދާތާ

ދިވެހި ތާރީޚުގައި މުހިންމު އިންތިޚާބެއް ބޭއްވިފައިވާ އިރު، އެ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން އަންހެނުންނަށް އެންމެ ހަތަރު ގޮނޑި ލިބިގެން ދިޔުމަކީ ހިތާމައެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ޗަންޕާ ސެންޓްރަލް ހޮޓަލްގައި މިއަދު ކުރިއަށް ގެންދިޔަ “ވޯކްޝޮޕް އޮން އެޑްރެސިންގ ޖެންޑަރ ސްޓެޓިސްޓިކްސް ގެޕްސް” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދައުރުތަކުގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ޤާނޫނު ހެދުމާއި، ރައްޔިތުންގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ވަކާލާތުކުރުން ހިމެނޭ އިރު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤައުމީ ސިޔާސަތުތައް ކަނޑައެޅިގެން ދާނީ އަންހެނުންގެ އެކަށީގެންވާ މިންވަރެއްގެ ބައިވެރިވުން ނެތި ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް، މި ގޮންޖެހުންތަކާއެކު ވެސް މިންތީގެ ހަމަހަމަ ކަން ގާއިމުކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ވަކިން ޚާއްޞަ ގޮތެއްގައި ހައިހޫނުކަން ނައްތައިލުމުގައި އަންހެނުންގެ ދައުރު އިތުރުކުރުމާއި، އަންހެނުން ވިޔަފާރިއާއި ސިޔާސީ މައިދާނުގައި ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދަމަހައްޓާނެ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި މިންތީގެ ތަފާސްހިސާބު (ޖެންޑަރ ސްޓެޓިސްޓިކްސް) މެދުވެރިކޮށް، ޓްރެންޑްސްތައް ދެނެގަނެވި، މިންތީގެ ނަޒަރިއްޔާތުން ސިޔާސަތުތައް ކަނޑައެޅުމަށް އެހީތެރިވެދީ، މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުންގެ ބަދަލުވަމުން ދާ ޙާލަތު އެނގިގެން ދާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދިވެހިރާއްޖޭގައި ޤައުމީ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވައިލުމުގައި ތަފާސްހިސާބުގެ ބޭނުން އެންމެ ފުރިހަމައަށް ހިފިގެން ނުދާ ކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ. އަދި މިއީ ބައެއް ދާއިރާތަކުން އެންމެ އެކަށީގެން ވާ މިންވަރަށް މުޖުތަމަޢު ކުރިއަރައި ނުދިޔުމުގެ ސަބަބުތަކުގެ ތެރެއިން އެއް ސަބަބު ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވި ގޮތުގައި މިންތީގެ ތަފާސްހިސާބު ވިލަރެސްކުރާ ފަރާތްތަކާއި އޭގެ ބޭނުން ހިފާ ފަރާތްތަކުގެ ދެމެދުގައި ބަދަހި ގުޅުމެއް އުފައްދަން ޖެހެއެވެ. އަދި އެ ފަރާތްތަކުގެ ދައުރު ކަނޑައެޅި ބަޔާންކުރެވިގެން މެނުވީ މިންތީގެ ތަފާތުކުރުންތައް ނައްތައިނުލެވޭނެ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

04 ޝަޢުބާން 1440

09 އެޕްރީލް 2019

Leave a Reply

Your email address will not be published. Required fields are marked *