ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރުކުރި ބިލްބޯޑްތައް އިފްޔިތާޙްކުރުން

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށްގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރުކުރި ބިލްބޯޑްތައް އިފްތިތާޙްކޮށްފިއެވެ. މި ބިލްބޯޑްތައް އިފްތިތާޙްކޮށްފައިވަނީ މިކަމަށްޓަކައި މިރޭ ށ. ފުނަދޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބިލްބޯޑްތައް އިފްތިޡާޙްކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގިލާނީ އެވެ.

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިފްތިތާޙްކުރި ބިލްބޯޑްތަކަކީ ގެވެށި އަނިޔާ ހުއްޓުވުމަށާއި، ޢާއިލީ ގުޅުން ބަދަހިކުރުމަށް ހިތްވަރު ލިބޭ މެސެޖުތައް ރާއްޖޭގެ ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި ތައްޔާރުކޮށްފައިވާ ބިލްބޯޑްތަކެކެވެ. މި މަސައްކަތުގެ ދަށުން މޭލެ ހިމެނޭހެން ޖުމްލަ 66 ރަށެއްގައި ބިލްބޯޑްތައް ބަހައްޓާނެއެވެ. މިގޮތުން މާލެ އާއި ކޮންމެ އަތޮޅެއްގެ ވެރިކަންކުރާ ރަށުގައި 16 ފޫޓް 8 ފޫޓްގެ ބޮޑެތި ބިލްބޯޑްތައް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އިތުރު 45 ރަށެއްގައި 8 ފޫޓް 4 ފޫޓްގެ ބޮޑުމިނުގެ ބިލްބޯޑްތައް ބަހައްޓާނެއެވެ. މި ހުރިހާ ބިލްބޯޑްތަކެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

ބިލްބޯޑްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕާކިސްތާނު ސަފީރު ވަނީ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކާ މެދު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޕާކިސްތާނު ސަފީރުގެ ވާހަކަ ފުޅުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމަށް މާތްވެގެންވާ އިސްލާމްދީން ބާރުއަޅާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި އަނިޔާގެ ޢަމަލުތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ އެކަކު އަނެކަކަށް އިޙްތިރާމް ނުކުރުން ކަމަށް ޕާކިސްތާނު ސަފީރުގެ ވާހަކަފުޅުގައި ފާހަގަކޮށްފައިވެއެވެ.

ގެވެށި ގުޅުން ކެމްޕެއިންގެ ބިލްބޯޑްތައް އިފްތިތާޙްކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ފުނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ އިތުރުން ޕާކިސްތާނު ސަޕީރުގެ ނައިބު ޒުލްގަރުނައިން އަޙްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޒިފްލީނާ ޙަސަން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ ޒިފްލީނާ ޙަސަން ދެއްކެވި ވާހަކަފުޅުގައި ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ބިލްބޯޑްތަކުގެ މަސައްކަތަކީ މި ކެމްޕެއިންގެ ދަށުން ކޮށްފައިވާ އެންމެ ބޮޑު އެއް މަސައްކަތް ކަމަށާއި، މި މަސައްކަތުގެ ސަބަބުން ކެމްޕެއިންގެ  މުހިންމު މެސެޖުތައް ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢު އެއް ބިނާކުރެވޭނީ އަޅުގަނޑުމެންގެ ވިސްނުމާ، ބައެއް އާދަތައް ބަދަލުކޮށްގެންކަން ފާހަގަކުރެއްވި އެވެ. މިގޮތުން ވަކި ޖިންސެއްގެ މީހަކަށް ވީތީ ވަކި ކަންތައްތަކެއް އެއީ ކުރަން ނުޖެހޭނެ ކަންކަމުގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަމުން އައި ކުރުން މިއަދު ބަދަލުވާންޖެހޭ. ތަށި ދުދޮވުމާއި، އިސްތިރިކުރުމާއި، ކުދިންނަށް ކާންދިނުން ފަދަ ކަންކަމަކީ ފިރިހެން ބޭފުޅުން ވެސް ކުރަން ވާނެ ކަންކަން ކަމުގައި ގަބޫލުކޮށް އެކަންކަން ޢަމަލުން ދައްކަން ޖެހޭކަމަށް ސްޓޭޓް މިނިސްޓަރ ޒިފްލީނާ ޙަސަންގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ބިލްބޯޑްތަކުން މައިގަނޑު ފަސް މެސެޖެއް ފޯރުކޮށްދޭނެ އެވެ. އޭގެ ތެރޭގައި ކުދިން ތަރުބިއްޔަތުކުރުމުގައާއި، ގޭތެރޭގެ މަސައްކަތްތަކުގައި ދެމެފިރިން ހަމަހަމައަށް ހިއްސާވުމާއި، ދެމަފިރިން އިޙްތިރާމާއި އެކު މުޢާމަލާތުކުރުމާއި، މައިންބަފައިންނަށް ކަމޭހިތައި އަޅާލުމުގައި ކުދިންނަށް ނަމޫނާ ދެއްކުމާއި، ކުދިންނާއެކު މައިންބަފައިންން ވަގުތު ހޭދަކުރުމާއި އަދި ގެވެށި އަނިޔާ ލިބޭ މީހާ ކުށްވެރި ނުކޮށް އެހީތެރިވުމަށް ބާރު އަޅައި ތައްޔާރުކޮށްފައިވާ މެސެޖުތައް ހިމެނޭނެއެވެ.

“ގެވެށި ގުޅުން” ކެމްޕެއިން އަކީ ގެވެށި އަނިޔާ އާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު މި މިނިސްޓްރީގެ ފަރާތުން ފެށި ކެމްޕެއިނެކެވެ. ކެމްޕެއިންގެ ވަކިވަކި މަގްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނެ އެވެ. މި ކެމްޕެއިންގެ ދަށުން މިހާތަނަށް އައިއިރު ގިނަ ހަރަކާތްތަކެއް މިނިސްޓްރީގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި، މީގެ އިތުރުން ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމުގެ މަސައްކަތް ރަށްރަށުގައި ކުރާނެ ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތްވެސް މި ކެމްޕެއިންގެ ދަށުން މިނިސްޓްރީގެ ފަރާތުން އަންނަނީ ކުރަމުންނެވެ. ގެވެށި ގުޅުން ކެމްޕެއިންގެ ގިނަ މަސައްކަތްތައް ކުރިއަށްގެންދަނީ ޕާކިސްތާނު ސަރުކާރުން ހިލޭ ފޯރުކޮށްދީފައިވާ އެހީގެ ދަށުންނެވެ.

01 ޝައުބާން 1444

21 ފެބްރުއަރީ 2023

Leave a Reply

Your email address will not be published. Required fields are marked *