މިނިސްޓަރ ޒެނީޝާ ގއ.ވިލިނގިއްޔަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ގއ.ވިލިނގިއްޔަށް ރަސްމީ ދަތުރުފުޅެއްކުރައްވައިފިއެވެ.

މި މަހުގެ 3ގައި ކުރެއްވި މި ދަތުރުފުޅުގައި، ގއ.ވިލިނގިލީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ސެންޓަރުގެ މުވައްޒަފުންނާ އެ ކަމަނާ މަޝްވަރާކުރެއްވިއެވެ.

ގއ.ވިލިނގިއްޔަށް ކުރެއްވި މި ދަތުރުފުޅުގައި، ގއ.އަތޮޅު ކައުންސިލާއި ގއ.އަތޮޅުގައި ގާއިމުކުރެވިފައިވާ ރީޖަނަލް ކޮމާންޑް ޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާ މިނިސްޓަރ ޒެނީޝާ ބައްދަލުކުރައްވައި، އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ މުއައްސަސާތަކާ ގުޅިގެން މިނިސްޓްރީން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި ގއ.އަތޮޅު ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިންނާ އެ ކަމަނާ މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، އެ ކޮމިޓީގެ ފަރާތުން ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެ ކަމަނާ އޮޅުންފިލުއްވިއެވެ.

17 ޝަޢުބާން 1439

03   މޭ   2018

Leave a Reply

Your email address will not be published. Required fields are marked *