“އެމްޕަވަރިންގ މައިންޑްސް ފޯރ ޔޫތް ވެލްބީންގ” މި މައުޟޫގެ ނަމުގައި ޕަބްލިކް ލެކްޗަރ އެއް ކުރިއަށް ގެންގޮސްފި.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ އިތުރުން ނެޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތްއާއި ގުޅިގެން ކުރިއަށް ގެންދެވުނު މި ލެކްޗަރގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރާ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ މެދުގައި ދާއިރާގެ ފަންނީ މަޢުލޫމާތު އިތުރު ކުރުމާއިއެކު މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަގުފަހިކުރުމެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ އޮޑިޓޯރިއަމްގައި މިއަދު، 01 އޮގަސްޓް 2023 ގެ ހެނދުނު 09:15 އިން 10:30 އަށް މިހިންގުނު ހަރަކާތުގައި ދިވެހިރާއްޖާގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންފައިވެއެވެ. އަދި އެކަމަނާގެ އަރިހުގައި މިނިސްޓަރ، ޢާއިޝަތު މުޙައްމަދުދީދީ އާއި ދައުލަތުގެ އިދާރާތަކުން އިސްވެރިން ބައިވެރިވަޑައިގެންފައިވެއެވެ. ހަމައެއާއިއެކު، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ އެކިއެކި އިދާރާތަކުގެ އިތުރުން އާންމު ފަރާތްތަށް ހިމެނޭހެން މުޅި ޖުމްލަ 150 އަށް ވުރެ ގިނަ ފަރާތުން މި ލެކްޗަރ ގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ލެކްޗަރ ކުރިއަށް ގެންގޮސްދީފައިވާ ޕްރޮފެސަރ ޖޯސެފް ނޮބެލް ފްރޮއިޑްއަކީ ސްޕެއިންގެ ބާސެލޯނާގެ ސްކޫލް އޮފް ސައިކޯއެނަލިޓިކް ކްލިނިކް ވިތް ޗިލްޑްރަން އެންޑް އެޑޮލަސަންޓްސްގެ ފައުންޑިންގ މެމްބަރ އަދި ސްޕެނިޝް ފެޑަރޭޝަން އޮފް އެސޯސިއޭޝަން އޮފް ސައިކޯތެރަޕިސްޓްސްގެ ރައީސްގެ އިތުރުން ޗިލްޑްރަން އެންޑް އެޑޮލަސަންޓްސް ސެކްޝަންގެ ބޯޑް މެމްބަރެވެ. “ސައިކީ އޮފް ޗިލްޑްރަން އެންޑް އެޑޮލަސަންޓްސް” ގެ ތަޖުރިބާކާރެއްގެ ހައިޞިއްޔަތުން ވާހަކަ ދައްކަވަމުން ޖޯސެފް ނޮބެލް ފްރޮއިޑް ވަނީ ޒަމާނީ ޓެކްނޮލޮޖީއަށް އައި ތަރައްޤީއާއިއެކު ފުރާވަރު އުމުރު ފުރައިގެ ކުދިންގެ ނަފްސާނީ ހާލަތު އިތުރު ނާޒުކު ޙާލަތަކަށް ހުށަހެޅިފައިވާ ކަމަށާއި، ފުރާވަރު ޢުމުރު ފުރައިގެ ކުދިން ދުޅަހެޔޮ ސިއްޙަތެއްގައި ހެދިބޮޑުވުމުގެ މަރުހަލާ ފުރިހަމަކުރުމުގެ ފުރުސަތު ލިބިދިނުމުގައި މައިންބަފައިންނާއި ކުދިންނާއިއެކު އެކި ގޮތްގޮތުން މަސައްކަތްކުރަމުންދާ ފަރާތްތަކުން އަދާކުރަންޖެހޭ ދައުރުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައިފައިއެވެ.

Leave a Reply

Your email address will not be published. Required fields are marked *