ކުޑަކުދިންގެ ހިޔާގެ 2 ކުއްޖަކު މައިނަރ ހޮޓެލްސް ގްރޫޕް އެކްސްޕްލޯރަރ ޕްރޮގްރާމްގައި ބައިވެރިވެއްޖެ

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުން ދިޔަ 2 ކުއްޖަކު މައިނަރ ހޮޓެލްސް ގްރޫޕް އެކްސްޕްލޯރަރ ޕްރޮގްރާމްގައި ބައިވެރިވެއްޖެއެވެ.

1 އަހަރު ދުވަހުގެ މި ޕްރޮގްރާމް މި ކުދިން ފުރިހަމަކުރުމަށް ހަމަޖެހިފައިވަނީ މައިނަރ ހޮޓެލްސް ގްރޫޕްގެ ފަރާތުން ދިވެހިރާއްޖޭގައި ހިންގަމުން ގެންދާ އަނަންތާރާ މޯލްޑިވްސްގައެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް މައިނަރ ހޮޓެލްސް ގްރޫޕްގެ ފަރާތުން ހޮސްޕިޓަލިޓީ ދާއިރާގެ ލެވަލް 3ގެ ސެޓުފިކެޓެއް ދެވޭނެއެވެ. އަދި މި ޕްރޮގްރާމްގައި ރިސޯޓުގެ އެކި ދާއިރާތަކުގައި ޢަމަލީ ގޮތުން މަސައްކަތް ތަޖުރިބާކުރުމުގެ އިތުރުން އޮންލައިން ކްލާސްތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މައިނަރ ހޮޓެލްސް ގްރޫޕް އެކްސްޕްލޯރަރ ޕްރޮގްރާމްގައި މީގެ ކުރިން ވެސް ކުޑަކުދިންގެ ހިޔާގެ ކުއްޖަކު ބައިވެރިވެ، ގްރެޖުއޭޓްވެފައިވެއެވެ.

މައިނަރ ހޮޓެލްސް ގްރޫޕް އެކްސްޕްލޯރަރ ޕްރޮގްރާމްގެ އިފުތިތާހުކުރުމުގެ ގޮތުން މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވީ އަނަންތާރާ މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖެއަށް ލިބިގެން ދަނީ އިޤުތިޞާދީ ފައިދާ އެކަނި ނޫން ކަމަށާއި، އިޖުތިމާޢީ ގޮތުން ވެސް ގިނަގުނަ ފައިދާތަކެއް ކުރަމުން ދާ ކަމަށެވެ. އެ ގޮތުން މައިނަރ ހޮޓެލްސް ގްރޫޕް އެކްސްޕްލޯރަރ ޕްރޮގްރާމަކީ މި ފަދަ މުހިންމު އެއް ޕްރޮގްރާމް ކަމަށާއި، މިއީ ހޮސްޕިޓަލިޓީ އަދި ޓުއަރިޒަމްގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންގެ މުސްތަޤުބަލު ބިނާކުރުމަށް ލިބިގެން ދާ މުހިންމު ފުރުޞަތެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓްރީގެ ފަރާތުން އަންނަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުޑަކުދިން ވަޒީފާގެ މާޙައުލަށް ނުކުތުމަށް، ކުންފުނިތަކާއި އެކި މުއައްސަސާތަކާ ގުޅިގެން އެކި ފުރުޞަތުތައް ތަނަވަސްކޮށްދެމުންނެވެ.

01 ޛުލްޤަޢިދާ 1440

04  ޖުލައި  2019

Leave a Reply

Your email address will not be published. Required fields are marked *